އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
އެ ސްކޫލާއި ގުޅެގޮތުން ދަރިވަރުން ކުރާ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންނަށް އަމަލީ ތަމްރީނުތައް ހެދުމުގެ ފުރުސަތު ލިބުން ލަސްވެ، ކޯސް ނުނިމި ދިގުލައި، އެކަމުގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވުން ހިމެނެ އެވެ. އެހެންވެ އެތަނުގައި ކިޔަވަމުން ދިޔަ ބައެއް ދަރިވަރުން ސްރީލަންކާއަށް ކިޔެވުން ބަދަލުކޮށްފަައި އެވެ.
މި މައްސަލައިގަ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސން އާއި މަޝްވަރާ ކުރައްވާފައި އެވެ،
މިނިސްޓަރު އިބްރާހިމް ހަސަން އާއި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން ރޮޒައިނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދަވާ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ސްކޫލާއި އެކި ފަހަރުމަތިން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ބައްލަވައިދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
https://twitter.com/Roxeyna/status/1314965742303899648
ސްޓޫޑެންޓު ލޯން ދަށުން އައްޑޫ ފްލައިން ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ކުދިންނަށް ރާއްޖެއިން ބޭރަށް ބަދަލުވުމުގެ ފުރުސަތު ދިން ކަމަށް މިނިސްޓަރު ވިދާޅުވިއިރު އޭގެ ތެރެއިން މިހާރު ސްރީލަންކާގައި ކިޔަވަމުންދާ ކުދިން ވަނީ ކޯވިޑް-19 އާއި ގުޅިގެން ތަމްރީންތައް ހަމަ މަހަށް މެދުކެނޑި ކޯސް ދިގުލައިގެން ދާތީ ކަންބޮޑުން ފާޅުކޮށްފައި އެވެ. އަދި ސްޓޫޑެންޓު ލޯންގެ ދަށުން ދޫކޮށްފައިވާ ފައިސާއިން އެ ދަރިވަރުންގެ ކަންކަން ހަމަ ނުޖެހި ލަންކާގައި ކޯސްފުރިހަމަ ކުރެވޭނެ ގޮތެއް ނެތި އެނބުރި އަންނަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ އެވެ.
މި މައްސަލައިގަ ލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ 10 ދަރިވަރަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ. އެކަމަކު އޭގެ ޖަވާބު މިހާތަނަށްވެސް ދީފައި ނުވާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް