ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައާއި މުސްތަޤްބަލުގައިވެސް ދިމާވެދާނެ މިފަދަ ޞިއްޙީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ހެޔޮ ބަދަލެއް ގެނައުމަށް ވަގުތާއި ޚިޔާލާއި އިޚުލާސްތެރިކަމަށް ވެސް އިންވެސްޓުކުރަން ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަސް ފުރުޞަތެއްގައި ތަންފީޒުވެގެން ދިޔުމަކީ އެ ކަމަނާ އުންމީދުކުރައްވާކަމެއް ކަމުގައެވެ.
އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެ ކަމަށާއި، އެ ފަދަ ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައިލެވޭނެ ކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ. އަދި، އެ ފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުޙަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ޚިޔާލުތަކަށް މަރުޙަބާ ކިޔުމަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބައްޔެއް ހުރިކަން ފާހަގަވާ ހިސާބުން ފެށިގެން، އެ ބައްޔަކަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުންނެވެ. މި ގޮތުން، އަވަސް ފަރުވާ ހޯދުމުގެ ބޭނުމަކީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ހޯދުމާ، ބަލި މެނޭޖްކުރަން ދަސްކުރުން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
މި ގޮތުން، ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ނަފްސާނީ ދުޅަހެޔޮކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކަމަނާ ވަނީ، ކޯވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ނިޒާމެއް ޤާއިމުކޮށްފައިވާތީ އެ ކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ވެބިނާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ ޑރ ޢަބްދުލްމަލިކާއި، އެމް.އާރް.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ފާޠިމަތު ހިމްޔާއާއި، ޔުނިސެފްގެ ޕްރޮގްރާމް ސްޕެޝަލިސްޓް ޝަހުލާ އަޙްމަދާއި، ސެންޓަރ ފޮރ މެންޓަލް ހެލްތުގެ އިސްވެރިޔާ ޑރ ޝަނޫހާ މަންސޫރުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ޑިރެކްޓަރ އާމިނަތު ޝަހުޒާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް