ސްޕެއިންގެ ބާސެލޯނާގެ އެތެރޭގެ އިންތިޚާބު އަންނަ މާރޗު މަހު ބާއްވަން ނިންމައިފިއެވެ.
ބާސެލޯނާގެ އިންތިޚާބު ބޭއް ވުމަށް އިޢުލާނު ކޮށްފައިވަނީ ބޯޑް އޮފް ޑައިރެކްޓާސް ބޭއްވި ޖެނެރަލް އެސަންބްލީއެއްގައެވެ.
އަންނަ މާރޗު މަހުގައި އިންތިޚާބު ބޭއްވުމަށް ނިންމި ނަމަވެސް އެ އިންތިޚާބުގައި ވޯޓް ލާން ދާނެ ވަކި މަރުކަޒުތައް އަދި ކަނޑައަޅާފައެއްނުވެއެވެ.
އިންތިޚާބާއި ގުޅޭގޮތުން ބާސެލޯނާއިން ބުނީ އިންތިޚާބުގައި ވޯޓްލާނެ ކުދި މަރުކަޒުތަކެއް ގާއިމު ކުރާނެކަމަށެވެ. އެގޮތަށް ކަންތައް ރާވަން ނިންމަނީ ވޯޓްލާން އަންނަ ކުލަބުގެ މެންބަރުން ދިގު ކިއުތަކުގައި ގިނައިރު މަޑުކޮށްގެން ތިބެން ޖެހިދާނެތީ އެކަމަށް ލުއިއެއް ދިނުމުގެ ގޮތުން ކަމަށް ބާސެލޯނާއިން ބުނެއެވެ.
އަންނަ މާރިޗު މަހުގައި ބާސެލޯނާގެ އެތެރޭގެ އިންތިޚާބު ބާއްވަން ނިންމާފައި ވާއިރު، ބާސެލޯނާގެ ރައީސްކަމަށް އަންނަން ރަސްމީކޮށް މިހާތަނަށް ކެމްޕެއިން ކުރަމުން އަންނަނީ މިހާރު ރައީސް ޖޯސެފް ބާޓޮމެއޫ، ވިކްޓަރ ފޮންޓު، ޔޮއާން ލަޕޯޓާ، އެމެލީ ރޮސާޑާއި އޮގަސްޓީ ބެނެޑީޓޯއެވެ.
ބާސެލޯނާއިން ބާއްވާ މި އިންތިޚާބުގައި ބާސެލޯނާގެ މިހާރު ރައީސް ޖޯސެފް ބާޓޮމެއުއަށް ބޮޑު ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.
ބާޓޮމެއޫއަށް މި އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ ކުލަބު ހިންގުމުގައި އޭނާ މިހާރު ވެސް ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ.
އެގޮތުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާ މިހާރު ކުޅުންތެރިނާ އެޓީމުގެ ސަޕޯޓަރުން އަންނަނީ ބާސެލޯނާގެ މެނޭޖްމަންޓަށް ފާޑު ކިޔާ މެނޭޖުމަންޓު އިސްތިޢުފާ ދޭން ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް