ރަޝިއާގެ ފްލެގް ކެރިއަރ އޭރޯފްލޯޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
ރަޝިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް މިއަދު ހެނދުނު ފަށާފައިވާ އެގައުމުގެ ފްލެގް ކެރިއަރ އޭރޯފްލޯޓުން ރަޝިއާ-މާލެ ހަފްތާއަކު ދެ ފްލައިޓު ބާއްވަން ވަނީ ނިންމާފައެވެ.
މޮސްކޯގެ ޝެރެމެޓޭވޯ- އެއަރޕޯޓާއި ވީއައިއޭއާ ދެމެދު ދަތުރުތައް ބާއްވަނީ ބުރާސްފަތި އަދި އާދިއްތަ ދުވަހު އެވެ. އަދި މާލެ-ޝެރެމެޓޭވޯ ދަތުރުތައް ބާއްވަނީ ހުކުރު އަދި އާދިއްތަ ދުވަހު އެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ހާލަތު އައުމުގެ ކުރިންވެސް އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ކުރީ ދުވާލަކު ދަތުރެކެވެ.
ރަޝިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށްވެސް މުހިންމު ގައުމަކަށްވާ އިރު، މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން މިހާތަނަށް9297 ފަތުރުވެރިން ރާއްޖ އައިސްފައިވާ ކަަމަށް އިމިގްރޭޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެދުވަހުން ފެށިގެން މިހާތަނަށް ރާއްޖެއާ ރަޝިއާ އާ ދެމެދު ސީދާ ދަތުރުތައް ނެތް ނަމަވެސް އެ ގައުމުގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު، ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އަދިހުއްދަ ދީފައިވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ އަދި ސަފާރީތަކަށެވެ.
އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުންް ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ.
އިއްޔެ އިން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ، ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ ބޭނުންވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް