ބަރެސްދޫ ޕްރޮޖެކްޓު ކުރިއަށްގެންދަން ނިންމައިފި

ލ. ބަރެސްދޫގައި އެމްއައިޓީޑީސީ އިން ކުރިއަށްގެންދަން އިއުލާނުކޮށްފައިވާ އިންޓަގްރޭޓޭޑް ޓޫރިޒަމް ޕްރޮޖެކްޓަށް އިންވެސްޓުކުރާނެ އިންވެސްޓަރަކު ހޯދައި އެ އިންވެސްޓަރުގެ 100 ޕަސެންޓް ހިއްސާއާއެކު ޖޮއިންޓް...

11 Aug 2020 | 04:25

ލ. ބަރެސްދޫގައި އެމްއައިޓީޑީސީ އިން ކުރިއަށްގެންދަން އިއުލާނުކޮށްފައިވާ އިންޓަގްރޭޓޭޑް ޓޫރިޒަމް ޕްރޮޖެކްޓަށް އިންވެސްޓުކުރާނެ އިންވެސްޓަރަކު ހޯދައި އެ އިންވެސްޓަރުގެ 100 ޕަސެންޓް ހިއްސާއާއެކު ޖޮއިންޓްވެންޗާ އެއް ހަދައި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ބަރެސްދޫ މަޝްރޫއު ހިންގަން ސަރުކާރުން އުފެއްދި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މަޝްރޫއު ދޫކޮށް ނުލައި ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދަން ގާނޫނީ ހުރަހެއް ވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިހާރު އެ ކުންފުންޏަށް އެއްވެސް އާމްދަނީ އެއް ނުލިބޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. ކުންފުނި ހިންގުމަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް 315،000 ރުފިޔާ ހަރަދުވާ ކަމަށް އެމްޑީ ރާއިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަރެސްދޫގެ ޕްރޮޖެކްޓު ދުލެއް ނުކޮށްލަން. ހަމައެކަނި ބަރެސްދޫގެ ޕްރޮޖެކްޓެއް ނޫން. އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ދެއްވާފައި އެބައޮތް ވަރަށް ބޮޑު މެންޑޭޓޭއް .އެ މެންޑޭޓުގައިވާ ކަންތައް ހާސިލު ކުރުމަށް އަޅުގަނޑުމެން ކުރަންހުރި ކަންތައް ކުރާނަން،" ރާއިދު ވިދާޅުިއެވެ.

ބަރެސްދޫ އަކީ ގިނަ ކޮމްޕޯނެޓްޓްތަކެއް ހިމެނޭ އިންޓަގްރޭޓެޑް ބޮޑު ޕްރޮޖެކްޓެއް ކަމަށާއި އެކަމަށް ގިނަ ފައިސާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއިދު ވިދާޅުވި ގޮތުގައި ބަރެސްދޫ މަޝްރޫއު ކުރިއަށް ގެންދަން ލޯނެއް ނެގުމުގެ ވިސްނުމެއް އެ ކުންފުނީގައި ނެތެވެ.

"އިންވެސްޓަރަކާ އެކީގައި ޖޮއިންޓް ވެންޗާ އުސޫލުން އެ ބޭފުޅުންގެ 100 ޕަސެންޓް އިންވެސްޓްމަންޓެއްގެ ގޮތުގައި ބަރެސްދޫ ޕްރޮޖެކްޓް ޑިވެލޮޕް ކުރަން މަޝްވަރާ ކުރަނީ،" ރާއިދު ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫ މަޝްރޫއު ހިންގަން ކުރީގެ މެނޭޖުމަންޓް ތަކުން އިންވެސްޓަރުންގެ އަތުން ނަގާފައިވާ ސްލޮޓް ބުކުން ފީ ދައްކަން ކޯޓުން ކޮށްފައިވާ އަމުރާއެކު އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމަށެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫ ޕްރޮޖެކްޓު ކުރިއަށްގެންދަން މިވަގުތު އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހާއެކު އެމްއައިޓީޑީސީ އަށް ދަތިތައް އެބަހުރި ކަމަށް އެކުންފުނިން ބުންޏެވެ. އެ އިސްލާހު އެގޮތަށް އޮތްއިރު، ކުންފުނީގެ ފަރާތުން އިސްވެ، ސަރުކާރުގެ ފަރާތުން ހަމަޖައްސާ ރަށެއް ނުވަތަ ބިމެއް ތަރައްގީ ކުރުމަށް ކުއްޔަށް ދެވެން ނެތް ކަމަށެވެ.

ލ. ބަރެސްދޫގައި ހިންގަން އިއުލާނު ކުރި އިންޓަގްރޭޑެޓް ޓޫރިޒަމްގެ މި މަޝްރޫއުގެ ދަށުން 25 އާއި 50 އާ ދެމެދުގެ އަދަދެއްގެ ގެސްޓްހައުސް އަޅަން ނިންމާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް