ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ބައްޔަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް އަނބުރާ ލޮކްޑައުންއަށް ދާނީ ވަކި ކަންތައްތަކަކަށް ބެލުމަށް ފަހު ކަމަށް ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޑޮކްޓަރުންގެ ހާއްސަ ޓީމް (ޓެގް) އިން ބުނެފި އެވެ.
ޓެގްގެ އިސްވެރިޔާ އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ މާލޭ ސިޓީ އަނބުރާ ލޮކްޑައުން ކުރުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ އަދަދު ހިމެނޭ ކަމަށެވެ. އަދި އެއްވެސް ކޭސްއަކާއި ގުޅުން ނެތި ޕޮސިޓިވްވަމުންދާ މީހުންގެ އަދަދަށް ބަލާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވަމުން ދަނީ ދުވާލަކު ޕޮސިޓީވްވާ މީހުންގެ ތެރެއިން ފަސް ޕަސެންޓު މީހުން ކަމަށެވެ. ޑރ. އަލީ ލަތީފު ވިދާޅުވީ ސީރިއަސްވާން ޖެހޭ ހިސާބަކީ އެ އަދަދު 20 ޕަސެންޓަށް އެރުން ކަމަށެވެ.
ޑޮކްޓަރު ވިދާޅުވީ ކޯވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 22 މީހުންނަށް ކަމަށެވެ. އެއީ ވަރަށް ފަސޭހަ ކަމާއި އެކު ފަރުވާ ދެވޭނެ އަދަދެއް ކަމަށާއި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 80 ޕަސެންޓު މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިއްޖެ ނަމަ އަނބުރާ ލޮކްޑައުނަށް ދާންޖެހޭނެ ކަމަށެވެ.
މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ ތެރެއިން 30-40 ޕަސެންޓާއި ދެމެދުގެ އަދަދެއްގެ މީހުންނަކީ އެހެން ކޭސްތަކާއި ގުޅުން ނެތް މީހުންނެވެ. ޑރ. އަލީ ވިދާޅުވީ ކޭސްތަކާއި ގުޅުން ނެތް މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުންގެ އަދަދަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. އެކަމަކު ފިޔަވަޅެއް އަޅާނީ ކިހާ އަދަދެއްގެ މީހުން ޕޮސިޓިވްވުމުން ކަމެއް ވިދާޅެއް ނުވެ އެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ފެސިލިޓީތަކާއި ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމްތައް ހުރިނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށެވެ. އެހެންވެ އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 2،664 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 2،268 މީހަކު ރަނގަޅުވެފައިވާއިރު 13 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް