ގައިޑްލައިނަށް އަމަލު ކުރާނަމަ ޖަމާއަތުގައި ނަމާދު ކުރާއިރު ތިބޭނީ ގައިދުރު ކަމުގައި: މިިނިސްޓަރު

ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރާނަމަ ޖަމާއަތުގައި ނަމާދު ކުރާއިރު އެކަށީގެންވާ ވަރެއްގެ އިޖްތިމާއީ ގައިދުރު ކަމެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑ...

11 Jul 2020 | 17:29

ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރާނަމަ ޖަމާއަތުގައި ނަމާދު ކުރާއިރު އެކަށީގެންވާ ވަރެއްގެ އިޖްތިމާއީ ގައިދުރު ކަމެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ޖަމާއަތުގައި ނަމާދު ކުރާއިރު ކައިރިކައިރީގައި ސަފު ހެދުމާއި ގުޅޭގޮތުން އިއްޔެ އާއި މިއަދު ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވަނީ މިފަދަ ދަނޑިވަޅެއްގައި ގައިދުރު ކަމުގައި ޖަމާއަތުގައި ނަމާދު ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ބުނަމުންނެވެ.

މިކަމާއި ގުޅިގެން މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރަމުންދާނީ މިހާރުވެސް އަމަލު ކުރަމުންދާ ގޮތަށް ކައިރިކައިރީގައި ތިބެގެން ކަމަށެވެ. އެކަމަކު ކޯވިޑް-19 ގެ ހާލަތު މިއަށްވުރެ ގޯސްވާނަމަ މިސްކިތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅާނެ އިތުރު ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ނުހުންނަ ކަމަށްބުނެ ވާހަކަ ދައްކާއިރު ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅެއް ކަމަށެވެ. އެގޮތުން މާސްކު އަޅައިގެން ގެއިން މުސައްލަ ހިފައިގެން ދާނަމަ ޖެހި ޖެހިގެން ނަމާދުގައި ތިބެން ނުޖެހި ބަލި އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ މީހަކު އެމީހެއްގެ މުސައްލައިގަ ހުރެގެން ނަމާދު ކުރާއިރު އެކަށީގެންވާ ދުރުމިނެތް އަނެއް މީހާއި އާއި ދެމެދު ހުންނާނެ ކަމަށެވެ. އަދި ގައިޑްލައިންގައި އެއް މުސައްލަ އަނެއް މުސައްލަ މައްޗަށް ނޭރުވުންފަދަ ކަންކަން ހިމަނާފައިވާނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ18 ވަނަ ދުވަހު އެވެ. އަދި މާލޭގެ ލޮކްޑައުނަށް ލުއި ދިނުމަށް ފަހު ޖަމާއަތުގައި ނަމާދު ކުރަން ފެށީ ޖުލައި މަހުގެ އެއް ވަނަ ދުވަހު އެވެ.

ލޮކްޑައުނަށް މިމަހު އެއްވަނަ ދުވަހުން ފެށިގެން ދިން ލުއިތަކާއި އެކު ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް