އަނދިރި ދައުލަތް ދެނެގަތުމަށް ޖާބިރުގެ ކުއްލި މައްސަލައެއް މަޖިލީހަށް

ރައީސް ނަޝީދު ވިދާޅުވާ "އަނދިރި ދައުލަތް" އަކީ ކޮބައިކަން ދެނެގަނެ އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ މަޖ...

11 Jul 2020 | 15:27

ރައީސް ނަޝީދު ވިދާޅުވާ "އަނދިރި ދައުލަތް" އަކީ ކޮބައިކަން ދެނެގަނެ އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮންބައެއްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެގޮތުން ކުއްލި އެ މައްސަލައިގާ ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ "އަޑީ ދައުލަތު" ގެ ބާރު ރާއްޖޭގައި ވަކި ހިއްޕަމުން ކަމަށާއި މަރުކޮމިޝަންގެ ރިޕޯޓްތަކުން "އަޑީ ދައުލަތު"ގެ ބިރުވެރިކަން ވަނީ ވަޒަން ކުރެވިފައި ކަމަށެވެ.

"މަޖިލީހުގެ ރައީސް އަދި 20 މެމްބަރުންނަށް މި "އަޑީ ދައުލަތުން" ދަނީ ލާދީނީ ފިކުރުގެ ބައެއް ކަމުގެ އިލްޒާމް އަލުވައި މަރުގެ އިންޒާރު ދެމުން، ހުދު އަޅުގަނޑަށްވެސް އަންނަނީ މަރުގެ އިންޒާރު ލިބެމުން" ޖާބިރުގެ ކުއްލި މައްސަލައިގާ ބުނެފައިވެއެވެ.

އެ މައްސަލައިގާ އިތުރަށް ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތެއްގައި ގަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ގެންދަވަނީ ތަހަންމަލް ކުރަމުން ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް މި ރާއްޖޭގައި އޮތުމަކީ ގާނޫނު އަސާސީގެ، އަސްލާއި ހިލާފުވާ ކަމަކަށް ވާތީ، ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މާތް ﷲ ގަންދީ ހުވާކޮށްގެންތިބެ ކޮންމެ މެމްބަރެއްގެވެސް ޒިންމާއަކަށް ވާހިނދު، މިހާރުން މިހާރަށް މި މައްސަލަ ހައްލު ކުރުމަށްޓަކައި "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބެލަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް