ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ކަނޑުގަދަވެ ބައެއް ރަށްރަށަށް އުދަ އަރައިފާނެ ކަމަށް ބެލެވޭތީ، އެލާޓް ނެރެފިއެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ގިނަ ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ރޭ ނެރެފައި ވަނީ ވައިޓް އެލާޓެކެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އާއި ހަމައަށެވެ.
ރާޅު އަރާފާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ރޭ ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެވެސް ބައެއް ރަށްރަށަށް ވަރަށް ބޮޑަށް ރާޅު އަރާފައި ވެއެވެ. މިގޮތުން އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ބައެއް ރަށްރަށަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ދުވަސްވަރު ރާއްޖޭގެ ރަށްރަށަށް ރާޅު އަރަމުން ދަނީ ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާނިތަކެއްގެ ސަބަބުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް