ކޯވިޑް-19: ރާއްޖެ އަނެއްކާވެސް ލޮކްޑައުނަކާ ދިމާއަށް !

މީގެ ހަތަރު ދުވަސް ކުރިން، ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވީ އެންމެ 16 މީހުންނެވެ. އެ އަދަދު ޖެހިގެން އައި ދުވަހު 36 އަށް އެރިއެވެ. އެ 36 މީހުންގެ ތެރޭގައި 33 ދިވެހިން ހިމެނި، އެއީ އެންމެ ގިނައިން...

11 Jul 2020 | 02:31

މީގެ ހަތަރު ދުވަސް ކުރިން، ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވީ އެންމެ 16 މީހުންނެވެ. އެ އަދަދު ޖެހިގެން އައި ދުވަހު 36 އަށް އެރިއެވެ. އެ 36 މީހުންގެ ތެރޭގައި 33 ދިވެހިން ހިމެނި، އެއީ އެންމެ ގިނައިން ދިވެހިން ޕޮޒިޓިވް ވި ދުވަހަށް ވެގެންދިޔައެވެ. އަދި ޖެހިގެން އައި ދުވަސް (އިއްޔެ) މިވަނީ އެ ރެކޯޑުވެސް މުގުރާލާ، ކުއްލި ސިހުމެއް ގެނުވާހާ ގިނަ ދިވެހިން އެއް ދުވަހެއްގައި ޕޮޒިޓިވްވެ، އަދި ލޮކްޑައުނަށް ލުއި ދިންފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ވެސް ދުވަހަށެވެ.

އިއްޔެ ރާއްޖެއިން 64 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރޭގައި 44 ދިވެއްސަކު ހިމެނެއެވެ.

ހެލްތު އެޖަމެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުން ރޭގައި ބާއްވާފައި ނުވި ނަމަވެސް، ޑާޓާތަކުން ފެންނަ ގޮތުން ނަމަ އިއްޔެ ކޮށްފައިވަނީ 451 ޓެސްޓެވެ. ޕެންޑިންގައި 458 ސާމްޕަލް ހުރި ކަމަށް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާއިރު 909 ޓެސްޓަކުން 64 މީހަކު ޕޮޒިޓިވް ވުމުން މިއީ ނުރައްކަލުގެ ސިގްނަލެއް ކަމުގައި ބެލެވެއެވެ. އަދި މިހާ ގިނަ ބަޔަކު އިއްޔެ ޕޮޒިޓިވް ވެފައިވާއިރު މިހާރު އުފެދޭ ސުވާލަކީ ރާއްޖެ އަނެއްކާވެސް ލޮކްޑައުނަކަށް ދާން ޖެހިދާނެތޯ އުފެދެ ސުވާލެވެ.

https://twitter.com/HPA_MV/status/1281634510271139846

މި ސުވާލަށް އެންމެ ފަހުން ޖަވާބެއް ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލެވެ. ޑރ. ވިދާޅުވީ ރައްޔިތުން މިހާރު ވިސްނަންވީ އިތުރު ލޮކްޑައުނަކަށް ނޫން ކަމަށެވެ. ބަދަލު ކުރަންވީ އާންމު ދިރިއުޅުމުގ ވައްޓަފާޅި ކަމަށެވެ. އަދި ލޮކްޑައުންގައި ގިނަ ދުވަސް ކޮށް، އިގްތިސާދީ ގޮތުންނާ އާންމުންގެ މާލީ ހާލަތަށް ބަލާއިރުވެސް ބޮޑެތި ނުކްޝާންތަކެއް އުފުލަންޖެހުނު އިރު މިހާރު ލޮކްޑައުނަށް "އީޒް" ދެވިފައިވާއިރު އެންމެ ބޮޑު ޒިންމާއަކަށް ބަލަންޖެހޭނީ އަނބުރާ ލޮކްޑައުނަކަށް ނުގޮސް ވޭތޯ ކަމުގައި ޑރ. ވިދާޅުވިއެވެ.

"މި ލުއިތަކުން ލޮކްޑައުނަށް ދިއުމާ ނުދިއުން އޮތީ ހަމަ އާންމުންގެ އަތްމަތީގަ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ފެންނަ ވަރު ފާއިތުވި ތިން ދުވަހު އެއް ދުވަހުން އަނެއް ދުވަހަށް ދެ ގުނަ އަށްވުރެ އިތުރުވަމުން އަންނައިރު މިއީ ދެވަނަ ރާޅެއްގެ ފެށުން ކަމުގައި ވުން ހަމަ އެކަށީގެންވެއެވެ. އަދި އެކަން އިތުރަށް އެނގިގެންދާނީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ލިބޭ ނަތީޖާއިން ކަމުގައި ބެލެވެއެވެ.

އިތުރު ބައެއް ގައުމުތައް އަނބުރާ ލޮކްޑައުނަށް

ރާއްޖެ ފަދައިން ލޮކްޑައުނަށް ލުއިތައް ދިން އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. ނަމަވެސް އިއްޔެ ނޫން ކުރީ ދުވަހަކީ އިންޑިއާގައި މިހާތަނަށް އެންމެ ގިނައިން މީހުން ޕޮޒިޓިވް ވި ދުވަހެވެ. އެއާއެކު އެ ގައުމުގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ވެސްޓް ބެންގާލް މިހާރު ވަނީ އަލުން ލޮކްޑައުނަކަށް ގޮސްފައެވެ. އެ ސްޓޭޓަކީ 90 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސްޓޭތެކެވެ.

އޭގެ ކުރީ ދުވަހު، އޮސްޓްރޭލިއާގެ މެލްބަންވެސް ވަނީ އަނބުރާ ލޮކްޑައުނަކަށް ގޮސްފައެވެ. ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލްބަން އަނެއްކާވެސް ހަ ހަފްތާގެ ލޮކްޑައުނަކަށް ދާން ނިންމީ ދެވަނަ ރާޅެއްގެ ދަށުވުމުންނެވެ.

މީގެ އިތުރުން، ކޯވިޑް-19 އެއްކޮށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށް ކުރިން ބުނި، ސްރީ ލަންކާއިންވެސް މިހާރު މިވަނީ ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ ސްރީ ލަންކާއިން އެނބުރި ލޮކްޑައުނަކަށް ނުދިޔަ ނަމަވެސް ފިޔަވަޅުތައް މިހާރު ވަނީ ވަރުގަދަ ކުރަން ފަށާފައެވެ.

ރާއްޖެ ލޮކްޑައުނަކަށް ދިއުމާއިމެދު އުފެދޭ ސުވާލު !

ގިނަ ދުވަސްތަކެއް ލޮކްޑައުންގައި ތިބުމަށްފަހު ދެވުނު ލުއިތަކާއެކު ކޭސްތައް އިތުރުވެގެން ދިޔަ ނަމަވެސް ރާއްޖެ އަލުން އަނބުރާ އަދި ލޮކްޑައުން ކޮށްފާނެ ކަމަކަށް ނުބެލެވެއެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ހާލަތަށް ބަދަލެއް އަންނަ ނަމަ އެބަދަލެއް ގެންނާނީ ޓްރިގަރ ޕޮއިންޓްސްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެ ޓްރިގަރ ޕޮއިންޓްސް ތަކަކީ ގުޅުމެއް ނެތް ކޭސްތައް އިތުރުވުމާއި، އޯވަރ އޯލް ކޭސަސްގެ ބާޑަން އިތުރުވުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާލަތުގައި ރާއްޖޭގެ ސިއްހީ ކެޕޭސިޓިއަށް އަށް ރިއާޔަތް ކުރާނެ ކަމުގައިވެސް ޑރ. އަފްޒަލް އިތުރަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް