މިމަހުގެ15 އިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލޭ ސިޓީގައި އާންމުންނަށް ހުއްދަ އާއި ނުލައި ބޭރަށް ނުކުމެ އުޅެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ޑީރެކްޓަރު އާމިނަތު ޝައިނާ ވިދާޅުވީ ހުއްދަ އާއި ނުލައި ކޮންމެ ދުވަހަކު ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް އުޅެވޭނެ ކަމަށެވެ. އެކަމަކު އެއްފަހަރާ ބޭރަށް ނުކުމެ އެއްކޮށް އުޅެވޭނީ ތިން މީހުންނަށް ކަމަށް ވިދާޅުވި އެވެ.
ހުއްދައާ ނުލައި ބޭރުގައި އުޅެވޭ ގަޑިތަކުގެ ތެރެއިން ދުވުމާއި ކަސްރަތު ކުރުމަށް ދެނީ ހަވީރު 6:00 ން ރޭގަނޑު 9:00 އާ ދެމެދު ވަގުތެވެ. ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4:00 ން 6:00 އަށެވެ. ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވައިލާނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5:00 ން ހެނދުނު 8:00 އަށެވެ.
ޝައިނާ ވިދާޅުވީ މާލޭގައި ޖަމާއަތުގައި ނަމާދު ކުރުމާއި މެދު ނިންމާފައިވާ ނިންމުންތައް ހޯމަ ދުވަހުގެ ކުރިން އެޗްޕީއޭގެ އިރުޝާދާއި އެކު އިސްލާމިކް މިނިސްޓްރީން ހާމަކުރާނެ އެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތަައް އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާ އެކު ހޯމަ ދުވަހުން ފެށިގެން ހުޅުވޭނެ އެވެ. އެކަމަކު، ކެފޭ/ރެސްޓޯރަންޓުތަކުގައި ދެވޭނީ ޓޭކްއަވޭ/ޑެލިވަރީގެ ދުމަތް އެކަންޏެވެ.
ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުގެ އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ޚިދުމަތް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. މީގެ ތެރޭގައި ކްލިނިކްތައް ވެސް ހިމެނެ އެވެ. އެކަމަކު، ޚިދުމަތް ދިނުމަށް ކަނޑައަޅާފައި ވަނީ މަދު ބަޔަކަށެވެ.
ލޮކްޑައުންއަށް ލުއި ދިނުމާއި މާލެ ސަރަަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީތަކުގެ ހިދުމަތަށް ވެސް ހުއްދަ ދޭނެ އެވެ. އެކަމަކު އެ ހިދުމަތްތައް ދިނުމަށްޓަކައި އެޗްޕީއޭ އިން އެކުލަވައިލާފައިވާ ވަކި ގައިޑްލައިންތަކެއް ހުންނަނާނެ ކަމަށާއި ހިދުމަތް ދޭން ޖެހޭނީ އެ ގައިޑްލައިންއާ އެއްގޮތަށް ކަމަށް ޝައިނާ ވިދާޅުވި އެވެ.
އެޗްޕީއޭއިން ބުނީ ލޮކްޑައުނަށް ދޭ މިލުއިތަކާއި ގުޅިގެން މަގުމަތީގައި ގިނަ ބަޔަކު އެއްފަހަރާ ނުކުމެ އުޅޭނެ ކަމަށް ގަބޫލް ކުރާ ކަަމަށެވެ. އެހެންވެ ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައި، އިޖްތިމާއީ ގައިދުރުކަން އަބަދުވެސް ބެހެއްޓުމަށް އިސްލާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް