ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރުކޮށްލި ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނި ވާހަކަ މަޖިލީހުގެ އިދާރާއިން ދޮގުކޮށްފި އެވެ.
ފަޒުލް ހުށަހެޅުއްވި ގަރާރަކީ ފުލިދޫގެ ރަށް ގިރުމުގެ މައްސަލާގައި ކަމާބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅި ގަރާރެކެވެ. އެކަމަކު އެ ގަރާރު އެޖެންޑާ ކުރި ދުވަހު ފަޒުލް މަޖިލީހަށް ވަޑައިގެންފައެއްފައި ނުވާތީ ގަރާރު ބޭރުކޮށްލީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ އެ ގާރާރު މަޖިލީހުން ބޭރުކޮށްލާފައި ނުވާ ކަމަށެވެ. އަދިވެސް އެ ގަރާރު މަޖިލީހުގައި އެބައޮތް ކަމަށެވެ.
އެ ގަރާރު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު އެ ދުވަހު ފަޒުލް އާއި އިދިކޮޅު އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރުވެފައި ނުވާތީ ފަޒުލް ހާޒިރުވާ ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ.
މި ހަފްތާ ފެށުނީންސުރެ އިދިކޮޅު މެންބަރުން ވަނީ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ ގާނޫނުއަސާސީ އިސްލާހުކުރަން ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި، ގަދަކަމުން އޭނާ ތަޅުމުން ނެރުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގަައި، އޭނާއަށް އަނިޔާވި މައްސަލައާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް