އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތިން 100،000 ރުފިޔާ ހޮވައި ފުލުހުންނާއި ހަވާލު ކުރި ބިދޭސީ މީހާގެ އަގު ވަޒަންކޮށްފި އެވެ.
އެ ފައިސާތައް ހޮވާފައިވަނީ ބަންގްލަދޭޝްގެ އެމް.ޑީ ކަމާލް ހޮސައިން އެވެ. މި މަހު ފަސް ވަނަ ދުވަހު ހޮވި އެ ފައިސާތައް ހަމަ އެދުވަހު އޭނާ ވަނީ އަމާނާތްތެރިކަމާއި އެކު ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައި އެވެ.
އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފުލުހުންނާއި ފައިސާގެ ވެރި ފަރާތްކަމަށްވާ އަލީ އަބްދުއް ސައްތާރު ބައިވެރިވެފައިވެ އެވެ. އަދި ފުލުހުންނާއި އަލީ އަބްދުއް ސައްތާރު ވަނީ ބިދޭސީ މީހާއަށް ހަދިޔާ ދީފައި އެވެ.
ފުލުހުން ބުނީ އިތުރު ހަދިޔާގެ ގޮތުގައި ސައްތާރު ހިންގާ ކެފޭއިން އެމީހާއަށް އެއް މަސްދުވަހުގެ ކެއުން ހިލޭ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެއްވެސް ދުވަހަކުން ވަޒީފާއެއް ނެތިގެން ގޮސްފި ނަމަ އެ ބިދޭސީ މީހާއަށް ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މި މަހު ފަސް ވަނަ ދުވަހު ފުލުހުންނާއި އެ ފައިސާތައް ކަމާލް ހަވާލު ކުރުމުން ފުލުހުން ކުރި މަސައްކަތުން އޭގެ ވެރިފަރާތާއި ފައިސާތައް ހަވާލުކޮށްފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.
އެ ދުވަހު ފުލުހުން ބުނީ ކޮންމެ މީހަކީ ވެސް ތެދުވެރި މީހަކަށްވެއްޖެ ނަމަ، ކުށްތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް