ކޯވިޑް-19 އާއި ގުޅިގެން ގޭގެއަށް ރީޑިން ނަގަން ނުދާތާ ދެ މަހަށް ފަހު ސްޓެލްކޯއިން ރީޑިން ނަގަން ގޭގެއަށް ދާން ފަށައިފި އެވެ.
އެ ކުންފުނިން މިގޮތަށް ނިންމީ ލޮކްޑައުނަށް ސަރުކާރުން ލުއިތަކެއް ދީފައިިވާތީ ކަމަށެވެ. ސްޓެލްކޯއިން ބުނީ މިދިޔަ ދެ މަހު ކަރަންޓު ބިލުގެ ފޮޓޯ ފޮނުވުމަށާއި އެ ކުންފުނީގެ ވެބް ޕޯޓަށް މެދުވެރިކޮށް ރީޑިން ފޮޮނުވުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވިކަން ފާހަގަ ކުރެވުނު ކަމަށެވެ.
އެހެންވެ މި ގެނައި ބަދަލާއި އެކު ގޭގެއަށް ރީޑިން ނަގަން ދާން ފެށިނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސޭހައިން ވަދެވެން ނެތް ގޭގެއަށް ރީޓިން ނަގަން އެ ކުންފުނީގެ މުވައްޒަފުން ނުވަންނާނެ ކަމަށެވެ.
އޭގެ ބަދަލުގައި މިދިޔަ ދެ މަހެކޭ އެއްގޮތަށް އެފަދަ ގޭގެއިން ޖެހޭނީ ކަރަންޓު މީޓަރުގެ ފޮޓޯއެއް ފޮނުވަން ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ފޮޓޯ ފޮނުވެން ނެތް ނުވަތަ ނުފޮނުވާ މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރަމުން އައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުން ކުރަމުން އަންނަ ގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ މިގޮތަށް އެވްރެޖް ބިލެއް ހެދި ނަމަވެސް އެ ކުންފުނިން އަބަދުވެސް އަމަލު ކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލު ކުރުން ކަމުގައި ވާތީ އެ މިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވާ ބިލްތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ލޮކްޑައުން އާއި ގުޅިގެން ހުއްޓާލާފައިވާ ބައެއް ހިދުމަތްތައްވެސް ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ދޭން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް