މަޖިލީހަށް ހުރިހާ ބާރެއް ޖަމާކުރުން، ހުދުމުހުތާރުކަން އިސްކުރުރަނީ!

ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި ހުރިހާ ނިންމުމެއް ނިންމުމުގައި މަޖިލީހުގެ ލަފާ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަކީ ހުދުމުހުތާރުކަން އިސްކުރުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ފާޑު ކިޔުން އަމާޒުވާ...

11 Jun 2020 | 05:49

ރައްޔިތުންނާއި ގުޅުން ހުރި ބޮޑެތި ހުރިހާ ނިންމުމެއް ނިންމުމުގައި މަޖިލީހުގެ ލަފާ ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަކީ ހުދުމުހުތާރުކަން އިސްކުރުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ފާޑު ކިޔުން އަމާޒުވާން ފަށައިފި އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވަނީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު48 ގަޑިއިރު ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައި އެވެ. އެ އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ބާތިލް ކުރުމުގެ ބާރުވެސް މަޖިލީހަށް އޮވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މީޑިއާގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު، ބޮޑު ގޯހެއް ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީން މިހާރު އަމަލު ކުރަމުން ގެންދަނީ ރައްޔިތުން ދިން އިތުބާރުގެ މައްޗަށް ނޫންކަމަށް ބުނެފައިވެ އެވެ.

އެ ޕާޓީގެ މަޖިލީސް މެންބަރު ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތަސް ސަރުކާރަށް ރިޔާސީ ނިޒާމު ހިންގެން ވާނެ ކަމަށެވެ.

https://twitter.com/AleeVoice/status/1270743837498114050

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު މީޑިއާގައި ވިދާޅުވީ މަޖިލހުގެ އަމާޒު ކުރީ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ދިނުމަށް ކަމަށެވެ. ސަރުކާޜު ހިންގަން ދަތި ކުރުމުގެ ގޮތުން ގަސްދުގައި ތަފާޓު ގަރާރުތަކާއި ބިލުތައް ފާސްކުރާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ނަޝީދުގެ މަގުސަދަކީ ސަރުކާރު ހިންގަނީ މަޖިލީހުގެ ދަށުންކަން ހާމަކޮށްދިނުމެވެ.

އެކަމަކު މިކަމާއި ގުޅިގެން މާފަންނަނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމަކީ ގާނޫނާއި ހިލާފު ކަމަކަށް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ48 ގަޑިއިރު ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް