ކޯވިޑް-19 އަށް ރާއްޖެއިން މިހާރު ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވާން ނަގާ މުއްދަތު ލަސް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ބަލި ޖެހޭ މީހުން ބަލިން ރަނގަޅުވާ ރޭޓާއި އަވަސް މިނާއި ގުޅޭގޮތުން ސާފު ޖަވާބެއް ދެވޭނީ އެކަމާއި ގުޅޭގޮތުން އިތުރު ދިރާސާތަކެއް ކޮށްފައި ކަމަށެވެ. އެފަދަ ދިރާސާއެއް ކުރަމުންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އެކަމަކު މިވަގުތު އެއްޗެސް ދަންނަވާނަމަ ބުނެވެން އޮތީ ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވާލެއް ލަސްކަން ފާހަގަ ކުރެވޭ ކަމަށް ޑރ. ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކޯވިޑަށް ޕޮސިޓިވްވާ މީހަކު ބަލިން ރަނގަޅުވި ކަމަށް ބަލަނީ14 ދުވަހުގެ ކަރަންޓީން މުއްދަތަކަށް ފަހު ބަލީގެ ނިޝާންތައް އެއްކޮށް ފިލުމުން ދެފަހަރު ކޯވިޑަށް ޓެސްޓުކޮށް ދެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. އޭގެ ފަހުން14 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކުރަން ޖެހެ އެވެ.
އެޗްޕީއޭއިން ހާމަ ކުރާގޮތުގައި ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުހުންނަ މީހުންނެވެ. އެގޮތުން މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން57 ޕަސެންޓު މީހުންނަކީ ބަލީގެ އަލާމާތް ނެތް މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވެފައިވަނީ31 މީހެކެވެ.831 މީހަކަށް މިހާރުވެސް ދަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ.
ރާއްޖެއިން ފުރަތަމަ ބަލި ފެނިފައިވަނީ ހަތެއް މާޗްގައި އެވެ. އަދި މާލެއިން ޕޮސިޓިވް މީހަކު ފެނި އާންމުންގެ މެދުގައި ބަލި ފެތުރެން ފަށާފައިވާކަން އެނގިގެން ދިޔައީ އޭޕްރިލް15 ވަނަ ދުވަހު އެވެ.
ޖުމްލަ862 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު ތިން މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް