މަޓީއަކީ ހަމައެކަނި ބޯޑުގައި ތިއްބެވި ވިޔަފާރިވެރިންކޮޅު އެކަނި ކަމަށް ވިސްނައިގެން ނުވާނެ: މިނިސްޓަރު އަލީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ހަމައެކަނި އެ އެސޯސިއޭޝަންގެ ބޯޑުގައި ތިއްބެވި ވިޔަފާރިވެރިންކޮޅު އެކަނި ކަމަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ކަމުގައި ޓޫރިޒަމް މިނިސ...

11 May 2020 | 14:10

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަކީ ހަމައެކަނި އެ އެސޯސިއޭޝަންގެ ބޯޑުގައި ތިއްބެވި ވިޔަފާރިވެރިންކޮޅު އެކަނި ކަމަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނަކީ ސަރުކާރުގައި ކޮޅުފައިން ޖެހުންކަމަށް ޓްރޭޑް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވާއިރު މަޓީއާއި ސަރުކާރާއިމެދު އެއްވެސް މައްސަލައެއް ޖެހިފައިވޭތޯ އާއި މަޝްވަރާތައް ކުރެވެމުންދޭތޯ ސުވާލު ކުރުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއްސުރެ މަޓީގެ ފަރާތުން އެއްބާރުލުން ލިބެމުން އަންނަ ކަމަށާއި ކޮވިޑްކަންތަކުގަވެސް ހިޔާލާ މަޝްވަރާއާއި ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް ލިބެމުން އަންނަ ކަމަށެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުންކަން ސިފަކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ މަޓީއަކީވެސް ރާއްޖޭގެ ރައްޔިތުން ކަމަށެވެ.

"މަޓީއަކީ ހަމައެކަނި ބޯޑުގަ ތިއްބެވި ވިޔަފާރިވެރިންކޮޅު އެކަނިކަމަށް އަޅުގަނޑުމެން ވިސްނައިގެން ނުވާނެ، އެބޭފުޅުން އެ ތަމްސީލު ކުރައްވަނީ އެތައް މުވައްޒަފުންނެއް، އަދި އެތައް ރައްޔިތުންނެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަންކަމުގައި "ސްކޫލް އޮފް ތޯޓްސް" ހުންނާނެ ކަމަށާއި މިކަންކަން ހައްލު ކުރެވޭނީ މަޝްވަރާ ކޮށްގެން ކަމަށެވެ. ސަރުކާރާ މަޓީއާ ދޭތެރޭގައި ނުތަނަވަސް ކަމެއް ނެތް ކަމަށެވެ. އަދި އޮތީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ހާލަތެއް ކަމުގައިވެސް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަސައްކަތް ނުކުރެވޭނެ އެއްވެސް އެސޯސިއޭޝަނެއް ނޯންނާނެ ކަމަށާއި ބޯޓިން އެސޯސިއޭޝަން، ގެސްޓް ހައުސް އެސޯސިއޭޝަން، އާޓާ މަޓާޓޯ އެނޫންވެސް، އެބައެއްގެ ނިސްބަތުން ފެންވަރުން އެދަނީ ބުރަ މަސައްކަތެއް ކުރަމުންކަމަށެވެ އަދި ބައިބައިވުމާ ދެބަސްވުމަށްވުރެ އިސްކުރަން ޖެހޭނީ ގައުމީ ވިސްނުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް