މިހާތަނަށް ޖަލުން އެއްވެސް މީހަކު ޕޮސިޓިވް ނުވޭ: މިނިސްޓަރު އިމްރާން

މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ނެގި ރެންޑަމް ސާމްޕަލް ތަކުން މިހާތަނަށް ނަތީޖާ ލިބުނު ހުރިހާ އެންމެންގެ ސާމްޕަލްތައް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވ...

11 May 2020 | 11:53

މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރޭތޯ ބަލަން ނެގި ރެންޑަމް ސާމްޕަލް ތަކުން މިހާތަނަށް ނަތީޖާ ލިބުނު ހުރިހާ އެންމެންގެ ސާމްޕަލްތައް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިހާތަނަށް ޖަލުން38 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން ނަތީޖާ ލިބުނީ24 ސާމްޕަލްއެއްގެ ކަމަށާއި އެ އެންމެންގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލުގައި ބަލިފެތުރެމުންދާކަމަށް އަދި ނުބެލެވޭ ކަމަށެވެ. އަދި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ވިހާވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ190 އަށްވުރެ ގިނަ ގައިދީން މިނިވަން ކޮށްފައި އެވެ. މިނިސްޓަރު ވިދާޅުވީ ޖަލުގައި ބައިތިއްބަން ނުޖެހޭ މީހުން ޖަލުން މިނިވަން ކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށެވެ.

ޖަލަށް ބަލި ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޖަލު ބަލަހައްޓާ އޮފިސަރުން އާއިލާ ކައިރިޔަށް ނުގޮސް މަސައްކަތް ކުރާތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އަދި ޖަލުގައި ގައިދީން ތިބޭ ގޮޅިތަކާއި އެނޫންތަންތަން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ދަނީ ގަވައިދުން ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން862 މީހަކު ވަނީ ކޯވިޑަށް ޕޮސިޓީވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް