ރަށަށްދާން 5،000 އަށް ވުރެ ގިނަ މީހުން، ފޮނުވަނީ ހަތަރު ގޮތަކަށް ބަލައިގެން

މާލޭގައި ތިބި އަތޮޅުތެރޭގެ ރަށްރަށަށް ދާން ބޭނުންވާ މީހުން ރަށްރަށަށް ފޮނުވުމުގައި ބަލާނެ އުސޫލުތައް ހާމަކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާލ...

11 May 2020 | 11:40

މާލޭގައި ތިބި އަތޮޅުތެރޭގެ ރަށްރަށަށް ދާން ބޭނުންވާ މީހުން ރަށްރަށަށް ފޮނުވުމުގައި ބަލާނެ އުސޫލުތައް ހާމަކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މާލޭގައި ތިބި މީހުންގެ ތެރެއިން5،000 އަށްވުރެ ގިނަ މީހުން ރަށްރަށަށް ދާން ބޭނުން ވެގެން އެދިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރަށަށް ދާން އެދުނު ހުރިހާ އެންމެންނަށް އެފުރުސަތު ނުދެވޭޭނެ ކަމަށެވެ.

ރަށްރަށަށް މީހުން ފޮނުވުމުގައި ބަލާއި އުސޫލާއި ގުޅޭގޮތުން އިމްރާން ވިދާޅުވީ އެންމެ ފުރަތަމަ ރަށަށް ދިއުމުގެ ފުރުސަތު ދޭނީ އޭޕްރިލް އެކެއްގެ ފަހުން މާލެ އައިސްފައިވާ މީހުންނަށް ކަމަށެވެ. ދެވަނައަށް އިސްކަން ދޭނީ ސިއްހީ ފަރުވާ ހޯދަން އައިސް ފަރުވާގެ ކަންކަން ނިމިގެން ލޮކްޑައުން އާއި ގުޅިގެން ތާށިވެފައި ތިބި މީހުންނަށް ކަމަށެވެ.

ތިންވަނަަ ބައެއްގެ ގޮތުގައި އިސްކަން ދޭނީ ރިސޯޓުތަކުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ރަށަށްދާން މާލެ އައިސް ލޮކްޑައުން އާއި ގުޅިގެން ތާށިވެފައި ތިބި މީހުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ފަހުގައި އިސްކަން ދޭނީ ލޮކްޑައުންގެ ދެތިން ދުވަސް ކުރިން ވިޔަފާރީގެ ބޭނުންތަކަށް މާލެ އައިސް ތާށިވެފައިތިބި ވިޔަފާރިވެރިންނަށް ކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ބަލި ފެތުރުމުގެ ހާލަތު ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ގޯސްވާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާތީ އަތޮޅުތަކަށް ދަތުރުމުގެ އުސޫލް ބަދަލުކޮށް ވަކި ގޮތަކަށް އަމަލު ކުރަން ފަށަން ޖެހުނީ ކަމަށެވެ.

ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު އަތޮޅުތަކަށް މީހުން ފޮނުވާއިރު ކައުންސިލްތަކުން މުހިންމު އެއްބާރުލުމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ރަށަށް ދާން ބޭނުންވާ މީހުންގެ މައުލޫމާތު އެލްޖީއޭއާއި ހިއްސާ ކުރާއިރު އެ ފަރާތްތަކަކީ ކޮންމެހެން ރަށަށް ދާން ނުޖެހޭ މީހުން ކަމުގައި ވާނަމަ އެ ލިސްޓުގައި ނުހިމެނުމަށް އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ބަލި ފެތުރެމުންދާ ހާލަތަށް ބަލާއިރު އެއްވެސް މީހަކު އަތޮޅުތަކަށް ފޮނުވުމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ. އެއީ ރަށްރަށުގައި މާލެއާއި އެއްގޮތަށް ބަލި ނުފެތުރޭނެ ގޮތަށް ހުރިހާ ފިޔަވަޅުތަކެއް އަޅަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން862 މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. ބަލީގައި ތިން މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް