އައިޖީއެމްއެޗުން ކޮންޓްރެކްޓު އުސޫލުން ތިން މަހު މަސައްކަތް ކުރާނެ ނަރުހުން ހޯދަނީ

ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ އަދަދަކަށް ނެތުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރާނެ ރެޖިސްޓާޑް ނަރުހުން ހޯދަން ސަރުކާރުގ...

11 May 2020 | 08:46

ކޯވިޑް-19 އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ އަދަދަކަށް ނެތުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރާނެ ރެޖިސްޓާޑް ނަރުހުން ހޯދަން ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން އިއުލާނުކޮށްފި އެވެ.

އެ ހޮޮސްޕިޓަލުން ބުނީ ވަގުތީ ގޮތުން ތިން މަސްދުވަހަށް މަސައްކަތް ކުރަން35 ނަރުހުން ބޭނުންވާ ކަމަށެވެ. މަސައްކަތް ކުރަން ޖެހެނީ ޝިފްޓު ޑިއުޓީއަށް ހަފްތާއަކު ފަސް ދުވަހު، ދުވާލަކު އަށްގަޑި އިރު އެވެ.

މުސާރައިގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ9،060 ރުފިޔާއެވެ. ސާވިސް އެލަވަނަސްގެ ގޮތުގައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން188 ރުފިޔާ ލިބޭނެ އެވެ. އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެ ނަމަ އިތުރުގަޑީގެ ފައިސާވެސް ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި މަގާމަށް ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ނާސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ. އިއުލާނުގައި ވާގޮތުން މި މަގާމަށް ނަގާ މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ އައިޖީއެމްއެޗުގައި އެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތްތަކުން ސިޓީ އާއި ތައުލީމީ ސެޓްފިކެޓް، ޕޮލިސް ރިޕޯޓު އަދި ފޮޓޯގެ އިތުރުން ސީވީ ފޮނުވަން ޖެހެނީ [email protected] އީމެއިލް އަށެވެ. ވަޒީފާއަށް އެދުމުގެ ފަހުގެ ތާރީހަކީ މިމަހުގެ19 ވަނަ ދުވަހެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާއިރު އެކަށީގެންވާ ސިއްހީ ހިދުމަތްތެރިން ރާޢްޖޭގައި ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންވެ ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވަން ތިބި ގިނަ ކުދިންތަކެއްވެސް ވަނީ ސަރުކާރު ހަރަދުގައި ރާއްޖެ ގެނެސް މަސައްކަތަށް ނެރެފައި އެވެ.

އައިޖީއެމްއެޗުން ވަގުތީގޮތުން މަސައްކަތް ކުރާނެ ނަރުހުން ހޯދަން އިއުލާނުކޮށްފައި މިވަނީ ކޯވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހަމަޖައްސާ އެ ތަން އައިޖީއެމްއެޗުން ތިން މަހަށް މެނޭޖް ކުރަން ފަށާފައި ވަނިކޮށެވެ. އައިޖީއެމްއެޗުން ބުނީ ޓްރީ ޓޮޕްގައި ބަލި މީހުން އިތުރުވެ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ނުކާތަވަރު ވެއްޖެ ނަމަ އައިޖީއެމްއެޗުން ނަރުހުންނާއި ޑޮކްޓަރުން އެ ހޮސްޕިޓަލަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް