އުސޫލާއި އެއްގޮތަށް އަމަލު ނުކުރާ ފިހާރަތަކުގެ ހުއްދަ ބާތިލް ކުރަނީ

ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ވަކި އުސޫލެއްގެ ދަށުން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގެ އެންގުމާއި ހިލާފު ވާނަމަ ހުއްދަ ބާ...

11 May 2020 | 08:16

ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅުގައި ވަކި އުސޫލެއްގެ ދަށުން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގެ އެންގުމާއި ހިލާފު ވާނަމަ ހުއްދަ ބާތިލް ކުރަން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ ވަކި ޝަރުތުތަކަކާއި އެކު ފިހާރަ ހުޅުވައިގެން ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ ފަރާތްތަކުން ހަތަރު ކަމެއް ފުރިހަމަ ކޮށްފައި ހުންނަން ޖެހޭނެ ކަން އެ ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އެ ކަންކަން ފުރިހަމަ ނުކުރާނަމަ އެ ފިހާރަތަކަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރައިގެ ބޮޑު ކުޑަމިނަށް ބަލައި އެ ފިހާރައަކަށް އެއްފަހަރާ ވަދެވޭނެ މީހުންގެ އަދަދު ބޭރުގައި ފެންނަގޮތަށް ބައްޓަންވާނެ ކަމަށެވެ. ފިހާރައިގަ މަސައްކަތް ކުރާ މުވައްޒަފުން ތިބެންވާނީ އަނގަޔާއި ނޭފަތް ނިވާވާނެ ހެން މާސްކު އަޅައި އަތަށް އަންގި ލައްވައިގެން ކަމަށް ބުނެފައިވެ އެވެ.

ފިހާރައިގައި ފުލުހުން ހުއްދަ ދޫކޮށްފައިވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ތިބެގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން ފުލުހުން ހުއްދަ ދޫކޮށްފައިވާ ފިހާރައެއް ނަމަ އެ ހުއްދަ ދޫކޮށްފައިވާ ވަގުތުތަކެއްގައި ފިހާރަ ހުޅުވައި ހިދުމަތް ދޭންވާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ފުލުހުންވެސް ވަނީ ހުއްދަ ނެގުމަށް ފަހު ޒަރޫރީތަކެތި ވިއްކާ ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައި އެވެ. އަދި ފުލުހުން ހުއްދަ ދީފައިވާ އަދަދަށްވުރެ ގިނަ މުވައްޒަފުން ފިހާރަތަކުގައި މަސައްކަތް ކުރާ ކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ލޮކްޑައުންއާއި ގުޅިގެން މާލޭގައި1،900 އަށްވުރެ ވިޔަފާރިތަކަށް ވަނީ ތަފާތު ހުއްދަތައް ދޫކޮށްފައި އެވެ. އޭގެތެރޭގައި ފިހާރަ ހުޅުވައިގެން ވިޔަފާރި ކުރުމާއި ޑެލިވަރީ ކުރުމުގެ ހުއްދަ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް