މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެންމޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ދައުރު ހަމަވާތީ ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރުން އޮތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އެވެ. އެކަމަކު ގާނޫނަށް އިސްލާހު ގެނައުމުގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލަަށް" އިސްލާހެއް އޮތް ނަމަ ހުށަހަޅައިދެއްވަން މަޖިލީހުން ވަނީ އޭޖީއަށް ސިޓީއެއް ފޮނުވާފައި އެވެ.
އެ ސިޓީގެ ޖަވާބު ލިޔުމުން ފޮނުއްވި އިރު ރިފްއަތު ވިދާޅުވެފައިވަނީ ގާނޫނު އަސާސީގެ 230 އަދި 231 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގޭނީ އެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިހާބުކުރެވޭ ބަޔަކަށް ކަން އެ މާއްދާތަކާއި ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ހިމެނޭ އެހެން މާއްދާތަކުން އެނގެން އޮންނަ ކަމަށެވެ. އެހެން ކަމުން މިހާރު ކައުންސިލްތަކުގައި ތިބި މެމްބަރުން މަގާމުގައި ދެމިތިބޭނެ ކަމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި އެކަށައަޅާފައިވާ އުސޫލްތަކާ ތައާރަޒުނުވާ ގޮތަކަށް ގާނޫނީ ހަމަތަކުގެ މަތިން އެކަން ކަނޑައެޅުން ކަމަށް އޭޖީ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) އަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި އެ މާއްދާ އަށް އަމަލުކުރާ އުސޫލް ކަނޑައަޅައިދީފައި ވަނީ ގާނޫނުއަސާސީ އަށް ފަސް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާ އިން ކަމަށާއި އެހެން އޮއްވައި މަޖިލީހުން ފާސްކުރާ އާއްމު ގާނޫނަކުން މުއްދަތު އިތުރު ކުރެވިދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އޭޖީ ވިދާޅުވީ ހަސަން ލަތީފުގެ ބިލު ފާސްކޮށްފި ނަމަ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ގާނޫނުއަސާސީގެ އަށް ވަނަ ބާބުގައި ތަރުތީބުކޮށް ތަންޒީމްކޮށްފައިވާ އުސޫލްތަކާއި އިޖުރާއަތުތަކާ ހިލާފުވީ ކަމަށެވެ. މިކަމުގައި އޮތް ގާނޫނީ ހައްލަކީ ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް، އާ މެމްބަރުން އިންތިހާބު ކުރެވެންދެން ކައުންސިލްތަކުގައި މިހާރު ތިބި މެމްބަރުން މަގާމްތަކުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސިޓީގައި އޭޖީ ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ގާނޫނު އަސާސީއަށް އެ އިސްލާޙު ހުށަހެޅީންސުރެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދެވީ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުން ނުވާކަން ދޭހަވާގޮތަށް މަޖިލީހުގެ ޖަލްސާތަކުގައި ވާހަކަ ދައްކަވާފައި އެވެ. އެގޮތުން މަޖިލީހުގެ ބަހުސްގައި، ބައެއް މެމްބަރުން ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އިސްލާހުނުކޮށް، އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތައް ހިންގުމަށެވެ. ނުވަތަ ރައީސް އައްޔަން ކުރައްވާ ބަޔަކު ކައުންސިލްތައް ހިންގުމަށް ތިބުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް