ދުބާއީ ކުންފުންޏާއި ހަވާލު ކުރި ވެންޓިލޭޓަރުތައް ލިބޭނީ ތިން ބުރަކުން: މަބްރޫކް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލުކޮށްގެން ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް މިމަހު ރާއްޖެ އަންނަން ފަށާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަނ...

11 May 2020 | 05:32

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުނި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ހަވާލުކޮށްގެން ރާއްޖެ ގެންނަ ވެންޓިލޭޓަރުތައް މިމަހު ރާއްޖެ އަންނަން ފަށާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއި އެކު އެވެ. އެ ކުންފުނިން75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭގެ ތެރެއިން 10 ވެންޓިލޭޓަރު މިމަހުގެ 18 ވަނަ ދުވަހު އަދި 25 ވެންޓިލޭޓަރު މިމަހުގެ 25 ވަނަ ދުވަހު ގެންނާނެ ކަމަށެވެ. ބާކީ 40 ވެންޓިލޭޓަރު އަންނަ ޖޫން މަހު ގެންނާނެ ކަން އަންގާފައިވާ ކަމަށެވެ.

ވެންޓިލޭތަރުތައް ރާއްޖެ ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސަރުކާރުގެ ވެރިން އަމަލު ކޮށްފައިވާ ކަމަށް ބުނެ އަޑުގަދަވެފައިވާ މި ދުވަސްވަރު އެ ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރިގޮތް އަނެއްކާވެސް މަބްރޫކް ވަނީ ސާފުކޮށްދެއްވާފަ އެވެ.

މަބްރޫކް ވިދާޅުވީ އެކުންފުންޏާ މުއާމަލާތްކުރީ ސަރުކާރުން ކަމަށާއި ޑަބްލިއެޗްއޯ އިން ފާހަގަކޮށްދިނީ ވެންޓިލޭޓަރު ލިބިދާނެ ކުންފުނިތައް ކަމަށެވެ. އެފަަދަ ކުންފުނިތައް ދެނެގަތުމަށް ޑަބްލިއެޗްއޯގެ އެހީއަށް ސަރުކާރުން އެދުނީ ވެންޓިލޭޓަރު ލިބުން މުޅި ދުނިޔޭގައި ވެސް ދަތިވެފައިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯވިޑް-19 އަށް ތައްޔާރުވުމަށް ޓަކައި ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ސަރުކާރުން ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ. ދުބާއީގެ ކުންފުނީގެ އިތުރުން ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ މެޑްޓެކް މޯލްޑިވްސްއާ 50 ވެންޓިލޭޓަރު ނާޑް އާއި 20 ވެންޓިލޭޓަރު ގެންނާށެވެ.

މީގެ ތެރެއިން މެޑް ޓެކުން ރާއްޖެ ގެންނަ ވެންޓިލޭޓަރުތަކުން ބައެއް އިއްޔެ ވަނީ ރާއްޖެ ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް