ކޯވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގައި ތާށިވެފައިތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށްގެންދިއުމަށް ފެށި މަސައްކަތުގައި އެ ގައުމަށް ފުރަތަމަ ދިޔަ މަނަވަރުގައި ދަތުރުކުރި ނަރުހަކު ވިހައިފިއެވެ.
އިންޑިއާގެ އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި އައިއެންއެސް ޖަލަޝްވާ އިން ދަތުރުކުރި ނަރުހަކު އިއްޔެ ހަވީރު ވަނީ ވިހާފައެވެ. އޭނާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
ސޯނިއާ ޖާކޮބް ނަމަކަށްކިޔާ އެ ނަރުހަކީ، އެ މަނަވަރުން ދަތުރުކުރި މާބަނޑު 19 ނަރުހުންގެ ތެރެއިން އެއް ނަރުހެވެ. އެ މަނަވަރު ކޮޗިންއަށް ދިޔައީ އިއްޔެ ހެނދުނު 09:30 ގައެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި މީގެ ކުރިން ހަ ފަހަރު ބައިގެންގޮސްފައިވާ މި ނަރުސް ވިހާފައިވަނީ ކެރަލާގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ކަމަށާއި އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެ މަނަވަރުން އިންޑިއާގެ 698 ރައްޔިތަކު އިންޑިއާއަށް ގޮސްފައިވެއެވެ. އަދި އިންޑިއާއަށް އެގައުމުގެ ރައްޔިތުން ގެންދިއުމަށް އައި ދެވަނަ މަނަވަރު 200 ޕަސިންޖަރުންނާއެކު މިއަދު ވަނީ ފުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް