އިންތިހާބަށް ކުރިމަތިލުމާއި ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފި

އިންތިހާބަށް ކުރިމަތިލުމާއި ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފިއެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ  ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ...

10 May 2020 | 22:54

އިންތިހާބަށް ކުރިމަތިލުމާއި ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފިއެވެ.

އެގޮތުން ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ  ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 2020/3) ރައީސުލްޖުމްހުރިއްޔާ މިއަދު ތަސްދީޤު ކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ 6 ވަނަ މާއްދާ އަށް ރިއާޔަތްކޮށް ސިވިލް ސަރވިސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާކަމަށާއި އަދި މިކަން ބަޔާންކޮށް އެ ކޮމިޝަނުން ވަނީ ސަރކިއުލަރ (ނަންބަރު 18/2020) މިއަދު ނެރެފައި ކަމަށެވެ.

އެ ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުގައި ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނު 2020 ގެ ހަ ވަނަ މާއްދާއިން ސަސްޕެންޝަން ބާތިލުވި ކަމުގައި ބަޔާންވެގެންވާތީ 10 މެއި 2020 އިން ފެށިގެން ސަސްޕެންޝަން ވަނީ އުވާލެވިފައިކަމަށެވެ. އެހެންކަމުން 10 މެއިން ފެށިގެން ސަސްޕެންޝަނުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާތައް ރުޖޫއަވީއެވެ. އަދި މިވަގުތު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ އުޞޫލުތަކެއްގެ މަތީން ކަމުގައި ވާތީ އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ވަގުތީގޮތުން ހަވާލުކުރެވިފައިވާ ފަރާތުން އަންގަވާގޮތެއްގެ މަތިން މި މުވައްޒަފުން އޮފީހުގެ މަސައްކަތް ކުރުމުގައި އަމަލުކުރުމަށްވެސް މި ސަރކިއުލަރގައި ބަޔާންވެގެންވެއެވެ.

ސަސްޕެންޝަނުގައި ތިބި މުވައްޒަފުންގެ ސަސްޕެންޝަން އުވާލެވުނު ތާރީޚުން ފެށިގެން ރަމަޟާންމަހުގެ އިނާޔަތްފަދަ އިނާޔަތްތައްވެސް ލިބެންފަށާނެ ކަމުގައި ސަރކިއުލަރ ނިންމާލުމުގައި ބަޔާންކޮށްފައިވެއެވެ. ސަސްޕެންޝަނަށް ގޮތެއް ނުނިމި ނަމަވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަކި ތާރީޚެއްނޭގޭ ގޮތަށް ލަސްވުމާ ގުޅިގެން ސިވިލް ސަރވަންޓުން ތަހައްމިލު ކުރަން ޖެހުނު ތަކުލީފުތަކަށް ކޮމިޝަނުންވަނީ ހަމްދަރުދީވެ މިކަމަށް އަވަސް ހައްލެއް ގެނެވޭތޯ ތަފާތު ގޮތްގޮތުން މަސައްކަތް ކޮށްފައިކަން މި ފުރުސަތުގައި ފާހަގަކޮށްލަންޖެހެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް