އުރީދޫ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ "މިޔަހެލި" ސޯޝަލް އިނޮވޭޝަން ކޭމްޕް ނިންމާލައިފިއެވެ.
މިޔަހެލި ކޭމްޕަކީ ޒުވާނުންނަށް، ޒުވާނުންގެ ހިޔާލުތަކަށް އަމަލީ ސިފަ ގެނެސް ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި މުޖްތަމައަށް ދިމާވާ ތަފާތު ކަންކަމަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރާ ކޭމްޕެކެވެ.
މިމަހުގެ ހަތަކުން ނުވަޔަކަށް ކުރިއަށްގެންދިޔަ މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މުޅިންވެސް އޮންލައިންކޮށެވެ. ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުވެސް ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މި ކޭމްޕްގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެ 11 ހިޔާލެއް ހުށަހަޅާފައިވެއެވެ.
މި އަހަރު މި ކޭމްޕް ހާއްސަކޮށްފައި އޮތީ ކޯވިޑް-19ގެ މި ހާލަތުގައި ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަންނާނެ ގޮތްތަކުގެ މައްޗަށެވެ.
މި ކޭމްޕްގައި ހުށަހެޅި 11 ހިޔާލުގެ ތެރެއިން އެންމެ މޮޅު ފަސް ހިޔާލެއް ހޮވާފައިވަނީ ފަސް ޖަޖުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ.
މިއަހަރުގެ ކޭމްޕްގައި އެންމެ މޮޅު ފަސް ހިޔާލަކަށް ހޮވިފައިވަނީ :
ވިސްނުން ތަރި – ކޯވިޑް-19ގެ މި ހާލަތުގައި ކުޑަކުދިންނަށް ގަޔާވާނެ ފަދަ ގޮތަކަށް އެންގޭޖް ވެވޭގޮތަކަށް ކުރިއަށްގެންދެވޭ ޔޫޓިއުބް ޗެނަލެއް
ޕަރީ ހެލްޕް – ފުރައްސާރައާއި ގޯނާތަކުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެވޭފަދަ އިންތިޒާމެއް
ހޮޅުއަށި – ރަށްރަށުގައި ހޮޅުއަށިތަކުގައި ވާހަކަދެކެވޭފަދަ ކޮންސެޕްޓަކަށް ފަރުމާ ކުރެވޭ ޗެޓް ރޫމެއް
ބިންހެޔޮ – ގޭގައި އޮންނަ ހުސް ޖާގައިގާ ދަނޑުވެރިކަންކޮށް އެހެނިހެން ދަނޑުވެރިންނާ ގުޅުވައިދޭ ޕްލެޓްފޯމެއް
އެހީ – ކޯވިޑް-19ގެ މި ހާލަތުގައި ގޭގައި ތިބެގެން ފަސޭހަކަމާއެކު ޑަކުޓަރުންގެ އެހީތެރިކަން ލިބޭނެފަދަ ގޮތަކަށް ފަރުމާ ކުރެވޭ ވެބްސައިޓެއް
ކާމިޔާބުކުރި މި ހިޔާލުތަކަށް އަމަލީ ސިފަ ގެނައުމަށް އުރީދޫ އަދި ޔޫއެންޑީޕީން ފަންޑު ދޭނެއެވެ.
މިއީ "މިޔަހެލި" ސީރީޒްގެ ފަސްވަނަ ކޭމްޕެވެ. މި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑެވެލޮޕްމަންޓް އަހްމަދު މަހްލޫފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް