ކައިވެންޏަށްފަހު ހަމަ އެރޭ އަހަރުމެން ރިސޯޓަކަށް ފުރީމެވެ. އެއީ ޒައިދާންގެ ބައްޕަ އަހަރުމެންނަށް ދިން ހަނީމޫން ގިފްޓެކެވެ. އެރޭވީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރިރެއަށެވެ. އަހަރެންގެ މުޅި ޢުމުރު ހޭދަކުރަން ބޭނުންވަނީ ޒައިދާންގެ އަތްބެއްގެ ގޮތުގައި ކަމުގައި އަހަރެން ބުނީމެވެ. އަހަރެންގެ ޙަޔާތުގެ އުފަލަކީ ޒައިދާންކަން އަހަރެން ބުނީމެވެ. އަހަރެން އެރޭވެފައި ހުރި އުފާ އަހަރެންނަށް ބަޔާނެއް ނުކުރެވޭނެއެވެ. ހަމައެގޮތަށް ޒައިދާންވެސް އޭނާގެ އަތްބަކަށް އަހަރެން ވުމުން އޭނާއަށް ކުރެވޭ އިޙްޞާޞްތައް ބަޔާން ކުރިއެވެ. އެރޭ އަހަރެންނަށް ސިފަކުރެވުނީ ލޯބި ލޯބި ހުވަފެނެއްގެ ގޮތުގައެވެ. އެހެނީ، އަހަރެންގެ ދިރިއުޅުމުގައި ޒައިދާން އާއި ދިމާވުމާއި ހަމައަށް އޮތީ، ހިތްދަތިކަމާއި، ހިތާމައާއި، ބިރުވެރިކަން ކަމުގައި ވީތީއެވެ.
+++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! ... (7 ވަނަ ބައި)
އޭގެ ދެދުވަސްފަހުން އަހަރެމެން މެލޭޝިޔާއަށް ބަދަލުވީމެވެ. މަންމައަށް މެސެޖެއްކޮށް، އަހަރެން ރާއްޖެއިން ބޭރަށް ބަދަލުވާ ވާހަކަ ބުނީމެވެ. ރިޕްލައި އެއް ހޯދުމުގެ އުއްމީދަކު ނޫނެވެ. ކައިވެނީގެ ވާހަކަ ބުނުމުންވެސް ރިޕްލައި އެއް ނާދޭވިއްޔާއެވެ. އެހެންމަކުން، އެ މެސެޖަކަށްވެސް ރިޕްލައި އެއް ނާންނާނެކަން އެނގުނެވެ.
އަހަރެންނަކީ އަބަދުވެސް ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ހުވަފެން ދެކެމުން އައިމީހަކީމުއެވެ. މިއަދު މިވަނީ އެ ހުވަފެންވެސް ޙަޤީޤަތަކަށް ވެފައެވެ. އަހަރެންނާއި ޒައިދާންގެ އުފާވެރި ޒަވާޖީ ޙަޔާތް ފެށުނީއެވެ.
އަހަރުމެން ދެމީހުން ދެމަފިރިއެއްގެ ގޮތުގައި ލޯބީގެ ދުވަސްތައް ގުނަމުން ގެންދިޔައީމެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް ޒައިދާން އަހަރެންނަށް ކޮށްދީ، އަދި އޭގެ އިތުރުންވެސް އަހަރެންގެ އަމިއްލަ ބޭނުންތަކަށް ހޭދަކުރުމަށް ޒައިދާން އަހަރެންނަށް ޤަވާޢިދުން ފައިސާ ދެއެވެ. އަހަރެންނަކަށް ފައިސާއަކަށް ދައްޗެށް ނުވެއެވެ. އަހަރެން ލާ ހެދުމާއި، އަރާފައިވާން، ބޫޓު ފަދަ ތަކެތި ‘ޗޫޒް’ ކުރަނީ ޒައިދާންއެވެ. އަހަރެން ބޭނުންކުރާ އެއްޗެއްސަކީ ޒައިދާންއަށް ރީތި، ކަމުދާ އެއްޗެއްސެވެ. ޒައިދާން އަކީ އަގުބޮޑު، ކޮލިޓީ ތަކެއްޗަށް ލޯބިކުރާމީހެއްކަމުން އަހަރެންގެ އަތުގައިވެސް އަގުބޮޑު، ކޮލިޓީ ތަކެތި ގިނަވާންފެށިއެވެ.
++++++++++++++++++++
އޭގެ ހަފްތާއެއް ފަހެވެ. ޒައިދާންގެ ބައްޕަ އަހަރުމެންގެ ކައިވެނީގެ އަލްބަމާއި، ސީޑީ ފޮނުވިއެވެ.
"ހާދަ ކޮލިޓީ އޭ ދޯ ފޮޓޯތައް"… ޒައިދާން އަހަރުމެންގެ ވެޑިން ފޮޓޯ އަލްބަމް ހުޅުވާލަފައި ބުންޏެވެ.
"އާން.. ވަރަށް ރީތި މި ފޮޓޯތައް!.." އަހަރެންނަށް ވެސް އެކަމާ އެއްބަސްވެލެވުނެވެ.
"އިފާ ހާދަ ރީއްޗޭ ، ޚާއްސަކޮށް މި ހުދު ވެޑިންޑްރެސްގައި ހުރިއިރު.. އަސްލު ފޮޓޯތަކުން މި އެނގެނީ ރީތިކަން!" ޒައިދާން އަހަރެންގެ ކޮލުގައި ހިފާލާފައި ބުންޏެވެ.
"ތޭންކްސް… ޒައިދާންވެސް އެރޭ ވަރަށް ރީތި..ހީވަނީ ހަމަ ޕްރިންސެއްހެން.." އަހަރެންވެސް ޒައިދާން ގައިގައި ބައްދާލަމުން ބުނީމެވެ.
ހިނގާ މިތަނުން ކަޕްލް ފޮޓޯކޮޅެއް ބޮޑުކޮށްލަން ދޯ!؟" ޒައިދާން ޚިޔާލެއް ދިނެވެ.
އާން…ތީގައި އެބައިން އަހަރެން ބޮޑުކޮށްލަން ބޭނުންވާ ދެ ތިން ގަނޑު!.." މިހެން ބުނުމަށްފަހު ކައިވެނި ޕާޓީގެ ރެކޯޑިންގ ސީޑީ އަހަރުމެން ދެމީހުން ބަލަން ފެށީމެވެ.
++++++++++++++++
ކައިވެނީގެ ފުރަތަމަ ތިން މަސް ވެގެން ދިޔައީ އުފާވެރިކަމުން ފުރިގެންވާ ތިން މަހަށެވެ. އަހަރެންނާއި ޒައިދާން، މެލޭޝިޔާ އަދި ސިންގަޕޫރުގެ ތަފާތު ހިތްގައިމު ތަންނަނަށް ދަތުރުކޮށް، ފޮޓޯނަގައި، އެކީގައި ލޯބި ވަގުތުތައް ހޭދަކުރީމެވެ. ކުރީގައި އަހަރެން ދުވަހަކުވެސް މިހާ އުފާވެރި ދުވަސްތަކެއް ހޭދައެއް ނުކުރަމެވެ. އަހަރެން އުފާވެރި ދުވަސްތައް ގުނަމުން ދިޔަނަމަވެސް، މަންމަ އާއި ބައްޕަ އަދި ތުއްތަ މަތިން ވަރަށް ހަނދާންވެއެވެ. އެހެނަސް އެމީހުން އަހަރެންނާއި ގުޅުން ބާއްވަން ބޭނުންވާ ހެނެއްހިޔެއް ނުވެއެވެ. ޒައިދާންގެ މަންމަ އާއި ބައްޕަ، ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އަހަރުމެންނަށް ގުޅައެވެ. އަހަރުމެންގެ އުފަލުގައި ބައިވެރިވެއެވެ. ޒައިދާން މަންމައާއި ބައްޕައަކީ މިއަދު އަހަރެންގެވެސް މަންމަ އާއި ބައްޕައެވެ. އެމީހުން އަހަރެންދެކެ ވާ ލޯބި އަހަރެންވެސް އެމީހުންދެކެ ވާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ.
++++++++++++++++++
ކައިވެންޏަށް 6 މަސްވީފަހުން ޒައިދާން ބިޒްނަސް މެނޭޖްމަންޓް އިން މާސްޓާސްއަށް ކިޔަވަންފެއްޓިއެވެ. އަހަރެންވެސް ކިޔަވަން ބޭނުން ކޮންމެއެއްޗެއް ކިޔެވުމަށް ޒައިދާން އެދުނެވެ. އަހަރެން އަބަދުވެސް ކަލްނަރީ އާޓްސް ގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނާތީ، އަހަރެން ކަލްނަރީ ކޯހެއް ހެދުމަށް ނިންމީމެވެ.
ކޯހުގެ ކިޔެވުން ފެށިގެން ދެމީހުން އެކުގައި ހޭދަކުރަމުން އައި ވަގުތަށް މަދު ކަމެއް އައިސް ދެމީހުން އެއްކޮށް ލިބޭ ދެ ދުވަހަކީ ހަމައެކަނި ހަފްތާ ބަންދުކަމުގައި ވެއްޖެއެވެ. ހަފްތާގެ ދުވަސްތަކުގައި ލިބެނީ ހަމަ އެކަނި ރޭގަނޑުގެ ވަގުތެވެ. ޒައިދާން ކިޔަވަނީ ވަޒީފާއަކަށް ދަމުން ކަމަށްވާތީ، އަހަރެންނަށްވުރެ ޒައިދާން މާ ބުރައެވެ. އަހަރެމެން އެކަކު އަނެކަކަށް ދޭން ވަގުތު މަދުވީނަމަވެސް، އެ ވަގުތުކޮޅަކީ އުފާވެރި ވަގުތު ކޮޅަކަށް ހެދުމަށް އަހަރުމެން ދެމީހުންވެސް މަސައްކަތް ކުރަމެވެ.
++++++++++++++++++
އުފާވެރި އަށް މަހަށް ފަހު، ޑިސެމްބަރ މަހާއި ދިމާކޮށް އަހަރުމެން ދެމީހުންނަށްވެސް އެކުގައި ބްރޭކެއް ލިބޭތީ، އަހަރެން މާލެގޮސްލަން ބޭނުންވާހަކަ ޒައިދާންކައިރީ ބުނުމުން ޒައިދާންވެސް އެކަމާއި އެއްބަސްވެ، ދެ ހަފްތާއެއްހާ ދުވަހަކަށް މާލެ ގޮސްލަން ނިންމީމެވެ. އަހަރެން ރާއްޖެއިން ބޭރުގައި އުޅޭހިތްވިއަސް އަހަރެން އަބަދުވެސް އަހަރެންގެ އާއިލާ 'މިސް'ވެއެވެ. އެމީހުން އަހަރެންނާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަހަރެން އެމީހުންމަތިން ވަރަށް ހަނދާންވެއެވެ. އަހަރެންގެ މާލެދާ ޚިޔާލު ޒައިދާންވެސް، ކަމުދިޔައެވެ. އަދި ޒާއިދާންގެ އާއިލާއާއި އެކުވެސް ވަގުތު ހޭދަކޮށްލެވޭނެތީ، ދެމީހުން މާލެދާން ނިންމީމެވެ.
+++++++++++++++++
އަހަރެމެން މާލެ ދިޔުމުން ޒައިދާންގެ މަންމަ ވަރަށް އުފާވިއެވެ. ޒައިދާންގެ ބައްޕަ އޭރުވެސް ވީ ވިޔަފާރި ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ. ޒައިދާންގެ މަންމަގެ އޯގާތެރިކަން އިހުނަށްވުރެ ބޮޑުހެންވެސް އަހަރެންނަށް ހީވިއެވެ. އަހަރެމެންނަށް މީރުހެން ހީވާ ތަކެތި ގޭގައި ގެންގުޅޭ މީހާ ލައްވާ ކެއްކުމާއި، ދެމީހުންނަށް ރަށުންބޭރު ކުރު ދަތުރުތައް ހަމަޖައްސައިދީ ހެދިއެވެ. އެއީ ހަމަ އެއްވަނައިގެ މައިދައިތައެކެވެ. މައިދައިތައަކަށްވުރެ ބޮޑަށް ދޮށީ ޢުމުރުގެ ރައްޓެއްސެކޭ ބުނިއްޔާ މާރަނގަޅުވާނެއެވެ.
އަހަރެންނާއި އެކު، އެކި އެކި ވާހަކަ ދައްކާނެއެވެ. ޒައިދާންކުޑަ އިރު ދިމާވެފައި ހުރި އެކި ކަންތައްތަކުގެ ވާހަކަތަކާއި، ޒައިދާން ބައްޕައާއި ދިމާވިގޮތާއި، އެހެންގޮސް ތަފާތު އެތަށް ވާހަކައެއް އަހަރެންނާއި ހިއްސާކޮށް ހަދައެވެ.
++++++++++++++++++
ދުވަހަކީ ހުކުރުވިލޭރޭ ކަމުން އަހަރެންވެސް ލީޝާ އާއި ހުވޭ އާއިއެކު ދިމާވެލާ، ކާލާ ހަދާލުމަށް ހޮޓެލް ޖެން އަށް ދިޔައީމެވެ. ރެސްޓޯރެންޓްގައި އަހަރުމެން އެކި އެކި މަޖާވާހަކަ ދައްކަމުން ކަމުން ދިޔައީމެވެ.
އަހަރެންނަށް ސިހުމެއް ލިބިގެން ދިޔައީ އެ ރެސްޓޯރެންޓް އިން އަހަރެންގެ ތުއްތައާއި ވައްތަރުމީހެއް ފެނުމުންނެވެ. އެމީހާކައިރީ އިނީ އަފްސަލްތޯ އަހަރެން ބަލާލިއިރު އެއީ އަފްސަލް ނޫންކަން ޔަޤީންވިއެވެ. އަފްސަލްއަށްވުރެ މާ ސްމާޓް، މާރީތި، ހިތްގައިމު ފިރިހެންވަންތަ ޒުވާނެކެވެ. އެހެންކަމުން އަހަރެން އެއީ ތުއްތަ ނޫން ކަމުގައި ނިންމީމެވެ. ކޮންމެއަކަސް އަހަރުމެން ކެއުމާއިގެން ކުރިއަށް ދިޔައީމެވެ.
"އިފާ…" އަހަރެންގެ ފަހަތުން އަންހެންނަކު ގޮވާލި އަޑު އިވުނެވެ.
އެއީ ދަންނަ އަޑެކެވެ. ޙައިރާންކަމާއި އެކު އަހަރެން އެނބުރި ބަލާލިއިރު އެއީ ހަމަ ތުއްތައެވެ. ތުއްތަ ކައިރީގައި މިބުނި ފިރިހެންމީހާވެސް ކޮޅަށް ހުއްޓެވެ.
"އިފާ ކިހިނެތް؟… މީ…ރާކިން…ޑރ ރާކިން…" އަހަރެންގެ ޙާލު އަހާލުމާއެކު، ތުއްތަ ކައިރީގައި ހުރި މީހާ އަވަސް އަވަހަށް އަހަރެންނަށް ތަޢާރަފްކޮށްދިނެވެ.
"ރަނގަޅު…" މިހެން ބުނުމަށް ފަހު އަހަރެން ކުޑަކޮށް ޖެހިލުންވެ ހުރެ ރާކިން އާއި ސަލާންކޮށްލީމެވެ.
ހިތްހެޔޮވައްތަރު ޖަހާމީހެކެވެ.
“މަންމަބުނި އިފާ އުޅެނީ މެލޭޝިޔާގަޔޯ މިހާރު.. އެއީ ތެދެއްތަ؟..ކޮންއިރަކުން ފުރަނީ…" ތުއްތަ އޮޅުން ފިލުވާލުމުގެ ގޮތުން ބުންޏެވެ.
"އާން..އަދި ވާނެ ދުވަސްކޮޅެއް…" އަހަރެން ކުރުކޮށް ޖަވާބުދިނީމެވެ.
އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް ހުއްޓެވެ. އަހަރެންގެ މޫނުމަތިންވެސް ތުއްތައަށް އެކަން ފެންނާނެ ކަންނޭގެއެވެ.
"ފުރުމުގެ ކުރިން ގެއަށް އައިސްލަންވާނެ…! ގުޅާލާނަން.. " މިހެންބުނުމަށްފަހު ދުއްތަމެން ހިނގައިގަނެއްޖެއެވެ.
އަހަރެންގެ ޙައިރާންކަން އިތުރުވެގެން ދިޔައެވެ. މިއޮތް ހުރިހާ ދުވަހު ތުއްތަ އަހަރެންނާއި ގުޅާވެސް ނުލީ އަހަރެންގެ ނަންބަރު ނޭނގޭތީއެއް ނޫނެވެ. އަހަރެން ދެކެ އިންތިހާއަށް ރުޅިއައިސްފައި ހުރުމުންނެވެ. މިހާރު އެ ރުޅިގަނޑަށް ވީ ކީއްހެއްޔެވެ. އަފްސަލް ކޮބާބާވައެވެ؟ ޑރ. ރާކިން އަކީ ތުއްތަގެ ކާކު ބާއެވެ؟ މިކަހަކަ ޚިޔާލުތަކެއް އަހަރެންގެ ބޮލުގައި އެނބުރެން ފެށިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް