މުލަ ރޯދަ ދުވަހަކީ އަންގާރަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.
މިރޭ ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.
އެހެންކަމުން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 13 ވާ އަންގާރަ ދުވަސް ކަމަށް އަންގައި، މިނިސްޓަރު ވަނީ އިއުލާންކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲ ގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސިއްޔަތްކުރާ ކަމަށެވެ.
މިރޭ އިސްލާމީ ގައުމުޔަކުގައި ރަމަޟާން މަހަށް ހަނދުބަލާއިރު، ދިވެހިރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ވެސް ދައްކާފައި ވެއެވެ.
ފަލަކީ ހޯދުންތަކުގެ އަލިން އެނގޭ ގޮތުގައި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ، މި ހިނގާ އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހު އެވެ.
ސަބަބަކީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ތާކަށް ވެސް ހަނދު އޮއްސޭކަމެވެ. މާލެއަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމުގެ 15 މިނެޓު ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހު ހަނދު ފެންނާކަށް ނުހުންނާނެ އެވެ. ނަތީޖައެއްގެ ގޮތުން، މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރުގެ ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ފިޠުރު ޢީދު ވާނީ އަންނަ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަދި ހާއްސަކޮށް ދުވަސް ނޫހުގެ ކިޔުންތެރިންނަށް ފޮނުވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް