ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ އިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އަކީ ޕާޓީގެ ލީޑަޝިޕްގެ ފެއިލްވުމެއް ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންތިހާބަށް ފަހު މިއަދު ނަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި އެވެ.
އިންތިހާބުގައި މާލެއިން ލިބުނު ނާކާމިޔާބާއި ގޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ނަޝީދުވިދާޅުވީ މާލެއިން ނާކާމިޔާބުވީ ލީޑާޝިޕް ފެއިލްވުމުން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް ދެއްވާފައެއްނުވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ހުރިހާ އިސްވެރިން ނަންގަވާ ޖެހޭ ކަމަށެވެ. އެގޮތުން ޕާޓީގެ ރައީސް، ގަައުމުގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން ޒިންމާނަގަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަކުން ނާކާމިޔާބުވާ ރޭ ވަރަށް ބައިވަރު އިނގިލިތައް އަމާޒުވާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރި ކާމިޔާބީ ނުލިބުނު ސަބަބާ ގުޅޭ ގޮތުން މަޑުމަތިިރިކަމާ އެކު ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ނަތީޖާ އެގޮތަށް ނުކުތީ ސަރުކާރުގެ ކޮން ސިޔާސަތެއް ކޮން ގޮތަކަށް އޮތުމުންތޯ، ނުވަތަ ކޮން ކަމެއް ދިމާވެގެންތޯ އަދި ނުބައްލަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ނާކާމިޔާބުވިޔަސް ލީޑާޝިޕް ދޫކޮށްލެއްވުމަށް ނުވިސްނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކުން ނާކާމިޔާބުވެެގެން ދުނިޔޭގެ ލީޑަރަކު ޕާޓީ ދޫކުރެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް