މާލޭގެ ހަތަރު ދާއިރާއެއްގެ ވޯޓު އަލުން ގުނައިދޭން އެމްޑީޕީން އެދިއްޖެ

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ދާއިރާގެ ވޯޓު އަލުން ގުނައިދޭން ވެރިކަން ކުރާ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ. އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ މ...

11 Apr 2021 | 12:09

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ދާއިރާގެ ވޯޓު އަލުން ގުނައިދޭން ވެރިކަން ކުރާ އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލޭގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ ގެއްލިފައެވެ. މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދީ އިދިކޮޅު ޕީޕީއެމްއިންނެވެ.

އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާލެއިން އެ ޕާޓީ ބަލިވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު ވޯޓުގެ ފަރަގު ވަރަށް ކުޑަ ހަތަރު ދާއިރާއެއްގެ ނަތީޖާ ޔަގީން ކުރުމަށް ވޯޓު އަލުން ގުނައިދިނުމަށް އެމްޑީޕީއިން އެދިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަލުން ގުނައި ދިނުމަށް އެދިފައިވަނީ މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު އުތުރުގެ އިތުރުން، މައްޗަންގޮޅި އުތުރު އެވެ. އެ ދާއިރާތަކުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ކެންޑިޑޭޓުންގެ ފަރަގު ވަރަށް ކުޑަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ފަސް ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ކަމަށާއި އެހެން ގޮނޑިތައް ގެއްލިފައުވާކަން ވަރަށް ރަނގަޅަށް ގަބޫލުކުރާ ކަމަށެވެ. ހާއްސަކޮށް މޭޔަރުގެ ގޮންޑި ގެއްލިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މާލޭގައި ވޯޓުލާފައިވަނީ ހައްގުލިބިގެންވާ މީހުންގެ 29 ޕަސެންޓު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް