މިރޭ ރަމަޟާން މަހަށް ހަނދުބަލާއިރު، ދިވެހިރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކައެވެ.
ފަލަކީ ހޯދުންތަކުގެ އަލިން އެނގޭ ގޮތުގައި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ، މި ހިނގާ އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހު އެވެ.
ސަބަބަކީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ތާކަށް ވެސް ހަނދު އޮއްސޭކަމެވެ. މާލެއަށް ބަލާއިރު، މިއަދުގެ އިރު އޮއްސުމުގެ 15 މިނެޓު ކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހު ހަނދު ފެންނާކަށް ނުހުންނާނެ އެވެ. ނަތީޖައެއްގެ ގޮތުން، މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރުގެ ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ފިޠުރު ޢީދު ވާނީ އަންނަ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް އަދި ހާއްސަކޮށް ދުވަސް ނޫހުގެ ކިޔުންތެރިންނަށް ފޮނުވަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް