"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ހައި ސްޕީޑް ފެރީ ނިޒާމުގެ ޙިދުމަތަށް ބޭނުންވާ ސްޕީޑް ފެރީތައް ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސް އާއި ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީއެވެ.
އެމްޓީސީސީގެ ފަރާތުން، މި ފަންނުގައި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި ކަމަށްވާ ގަލްފް ކްރާފްޓ މޯލްޑިވްސް އާ ހަވާލުކުރީ 17 ސްޕީޑް ފެރީއެއް ބަނުމަށެވެ. މި ފެރީތަކަކީ50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.
މިފެރީތަކަކީ 30 ނޮޓް ގެ ބާރުމިނެއްގައި ދުވާ ފެރީތަކެކެވެ. އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މި ފެރީތަކުގެ ސްޕީޑް ތިން ގުނަ އަވަސް ވާނެއެވެ. މިފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއްކުރެވޭނޭ ގޮތަކަށް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
މިގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައްކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަ ކަށް ޙާއްސަ އިންތިޒާމްތަކެއް މިފެރީތަކުގައި ޤާއިމްކުރެވޭނެއެވެ.
"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން، ޓާރމިނަލް އާއި ފެރީ ސްޓޮޕްތައް އެޅުމުގެ މަސައްކަތްވެސް މިހާރު ފެށިފައި ވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިގޮތުން، ހޯރަފުށީގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފެށި، އެހެން ޓާމިނަލް ތަކާއި ފެރީ ސްޓޮޕް ތަކުގެ
މަސައްކަތްތައް ފެށުމަށް ޓީމްތައް މިހާރުދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫޢުގެ ދަށުން، ބަންނަ ސްޕީޑް ފެރީގެ ޙިދުމަތް މިއަހަރުގެ ނޮވެމްބަރުމަހު ފެށުމަށްޓަކައި، ބޭނުންވާ ފަންނީ މުއައްޒަފުން ހޯދުމަށް މިމަހުގެތެރޭ އިއުލާނު ކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަޤްޞަދަކީ ހެޔޮ އަގުގައި
ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް