އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން ވެރިކަން، ކުރާ މައި ޕާޓީ، އެމްޑީޕީއަށް މާލޭ ސިޓީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޕާޓީގެ އެތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ ބަލިކޮށް މާލޭ މޭޔަރު ކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ހޯއްދަވާފަ އެވެ. ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން 12 ގޮނޑި އިދިކޮޅު ޕީޕީއެމްއިން ކަށަވަރު ކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުން ލިބުނު ނަތީޖާ އަކީ މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މާލެ އިން ބޮޑުތަނުން ނާކާމިޔާބު ލިބުނީ އެމްޑީޕީގެ އެތެރޭގައި އޮތް ބައިބައިވުންތަކުގެ ސަބަބުންނާއި ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުން ދަސްވި ފިލާވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވެ އެވެ.
https://twitter.com/faya_i/status/1381076649412755462
ފައްޔާޒު ވިދާޅުވި ގޮތަށް އެ ޕާޓީގެ ތެރޭގައި ބައިބައިވުން އޮތްކަން ދަނީ ހާމަވަމުންނެވެ.
ސަރުކާރުގެ ބައެއް ކަންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ފާޑުވިދާޅުވުމާއި، ބައެއް ވަޒީރުން މަގާމުން ވަކިކުރުމަށް ސީދާ ނަޝީދު އިސްވެ ހުންނަވައިގެން މަސައްކަތްޕުޅު ކުރައްވާފައި ވެ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒަކީ ނަޝީދުގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވާ އެއް ވަޒީރެވެ. އެކަމަކު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އިތުބާރު ކުރައްވާ އެއް ވަޒީރު ވެސް މެ އެވެ.
އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކާއި މޭޔަރުކަން ލިބޭނެކަން ވަރަށް ޔަގީން ކަމާއި އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަކު މާލޭ ސިޓީކައުންސިލްގެ މެޖޯރިޓީ ގެއްލުމުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ސުޕާ މެޖޯރިޓީވެސް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.
މިއީ އެމްޑީޕީ އާއި ސަރުކާރުން އިބުރަތް ހާސިލް ކުރަން ޖެހޭ ނަތީޖާ އެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް