އިންތިހާބީ މޭޔަރުންނަށް ރައީސްގެ މަރުހަބާ، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ. އިއްޔެ ބޭއްވި އިން...

11 Apr 2021 | 07:26

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ހަތަރު ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މޭޔަރުން ހޮވާފައިވަނީ މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި އަލަށް ކުޅުދުއްފުށީ ސިޓީގައި އެވެ. މާލޭ ސިޓީ ފިޔަވާ ތިން ސިޓީގެ މޭޔަރުކަން ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ކަށަވަރު ވުމާއި އެކު ރައީސް ސޯލިހު އިންތިހާބީ މޭޔަރުންނަށް ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށެވެ. އެމަނިފާނު ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން މޭޔަރުންނަށް ދެއްވާފަ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭ ސިޓީގެ މޭޔަރުކަން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބުނު ކަމުގައި ވިޔަސް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ. ނަޝީދު ވިދާޅުވީ އުންމީދު ކުރައްވަނީ މާލޭގެ ކަންކަން ހައްލުކުރުމުގައި މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީ މޭޔަރު ކަމަށް އިންތިހާބުވެފައިވަނީ އެމްޑިޕީގެ ކެންޑިޑޭޓު މުހައްމަދު ނިޒާރެވެ. ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަކަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑިޑޭޓު މުހައްމަދު އާތިފެވެ. ފުވައްމުލަކު ސިޓީގެ މޭޔަރަކަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގެވެ.

ބައެއް ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލުނު ނަމަވެސް، ޖުމްލަކޮށް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް