އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ގުޅިގެން ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އިންތިހާބާއި ގުޅިގެން އަދި އިންތިހާބު ހިނގަމުން ދިޔަ ވަގުތު ރާއްޖޭގެ އެއްވެސް ސަރަައްދެއްގައި ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށެވެ. އިންތިހާބުގެ ކަންކަން ގޮށްފައިވަނީ ވަރަށް އަމާން ކަމާއި އެކު ކަމަށް ވިދާޅުވި އެވެ.
ނަތީޖާއަށް އަސަރުކުރާ ވަރުގެ ޝަކުވާ ހުށަހަޅާފައި ނުވި ނަމަވެސް އިންތިހާބާއި ގުޅުން ހުރި ޝަކުވާ އީސީއަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ލިސްޓުގައި ނަން ނެތުމާއި ރެޖިސްޓްރީ ކުރި ރަށުގެ ބެހެއްޓިފައިވާ ސިސްޓަމުން ނަން ނުދެއްކުމުގެ މައްސަލަތައް ހިމެނެއެވެ.
މީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ އިންތިހާބަށް ުފޫޒު ފޯރުވި ކަމަށްބުނެއީސީއަަށް ޝަކުވާ ހުށަހަޅާފައި އެވެ. އެއީ މަނާ ގަޑީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރެއްވި ކަމަށް ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިިހާބާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ތަފްސީލް ހާމަކުރާނެކަމަށް ބުނެފައެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 273،128 މީހުން ތިއްބެވެ. އޭގެ ތެރެއިން 65 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް