ސްޕެނިޝް ލީގު: ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައަށް

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ބާސާއާއި ދެކޮޅޮަށް ކުޅ...

11 Apr 2021 | 05:52

ސްޕެނިޝް ލީގުގައި ރޭ ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކޮށް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ބާސާއާއި ދެކޮޅޮަށް ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި ރެއާލް އިން ލަނޑުޖަހާ ލީޑް ނެގިއިރު، އެޓީމަށް ލީޑު ހޯދައިދިން މި ލަނޑު ޖެހީ ތަޖްރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ އެވެ. މިއީ ބެންޒެމާ ލީގުގައި އެންމެ ފަހުން ރެއާލް އަށް ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ވަނަ ގޯލެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ޓޯނީ ކްރޫސް އެވެ.

ރެއާލް މެޑްރިޑުން ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ބާސެލޯނާ އަށް މެޗްގައި ސުން ކަނޑުވާލަދިން ލަނޑު މެޗުގެ 60 ވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންގެ 21 އަހަރުގެ ޑިފެންޑަރު އޮސްކާ މިންގީޒާ އެވެ. ބާސެލޯނާއަށް ރޭގެ މެޗްގައި ނަތީޖާ ހަމަހަމަކުރަން މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ބާސެލޯނާގެ މިޑްފީލްޑަރު މޮރިބާ ފޮނުވާލި ބާރު ބޯޅަ ދިޔައީ ރެއާލްގެ ގޯލް ދަނޑި މަތިން ބޭރަށެވެ.

ރެއާލް އިން ރޭ ހޯދި މޮޅާއެކު ލީގުގެ އެއްވަނަ އެޓީމަށް ލިބުނު އިރު އެއް މެޗް މަދުން ކުޅެގެން ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލް އަށް ޕޮއިންޓް ލިބިފައިވަނީ އެއްވަރަކަށެވެ. ދެ ޓީމަށްވެސް ޖުމްލަ 66 ޕޮއިންޓް ލިބިފައިވާއިރު ރެއާލް އަށް އެތުލެޓިކޯ އަށް ވުރެ ކުރި ލިބެނީ ހެޑް ޓު ހެޑް ނަތީޖާ އިން އެ ޓީމަށް ކުރި ލިބޭތީ އެވެ.  ޓޭބަލްގެ ތިން ވަނައިގައި ބާސެލޯނާ އޮތީ ރެއާލް އާއި އެތުލެޓިކޯ އަށްވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް