ރާއްޖޭގައި ކޯވިޑަށް ތިންވަނަ ވެކްސިނެއް ދޭން ފަށައިފި

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ކެމްޕެއިންގެ ދަށުން ތިން ވަނަ ވެކްސިނެއް ދޭން ފަށައިފި އެވެ. މިއަދު އަލަށް ދޭން ފަށާފައިވަނީ ފައިޒާ ވެކްސިން އެވެ. މީގެ ކުރިން ދެމުން އަންނަނީ ސިނޮފާމް ވެކްސިނާއި ކޮވ...

11 Apr 2021 | 05:47

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ކެމްޕެއިންގެ ދަށުން ތިން ވަނަ ވެކްސިނެއް ދޭން ފަށައިފި އެވެ.

މިއަދު އަލަށް ދޭން ފަށާފައިވަނީ ފައިޒާ ވެކްސިން އެވެ. މީގެ ކުރިން ދެމުން އަންނަނީ ސިނޮފާމް ވެކްސިނާއި ކޮވިޝީލްޑް ވެކްސިނެވެ.

އެޗްޕީއޭއިން ބުނީ އަލަށް ދޭން ފެށި ފައިޒާ ވެކްސިން ޖޭނީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށެވެ. ރާއްޖޭގައި ފައިޒާ ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުދިންނަށެވެ.

ފައިޒާ ވެކްސިން ދޭނީ ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނަށެވެ. އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި މީހުންނަށެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ ރާއްޖެއަށް ފައިޒާ ވެކްސިންގެ ޑޯޒު ލިބިފައިވާ އަދަދަށް ބަލައިގެންނެވެ. ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުގައި އެކަނި ކަމަށެވެ.

ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ސިނޮފާމް ވެކްސިން މިހާރު ދެމުން ދަނީ، އުމުރުން 18 އަހަރާ 60 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. ސިނޮފާމް ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހައިދެނީ ވެކްސިން ޖެހިތާ ހަތަރު ހަފްތާ ފަހުންނެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް، މިހާރު އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައި ވާ ކަމަށެެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ، އެމީހަކު ފުރަތަމަ ޑޯޒް ޖެހި ވައްތަރެއްގެ ވެކްސިންއެވެ. އެގޮތުން ރާއްޖޭގައި މީގެ ކުރިން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހަމުން އައީ ކޮވިޝީލްޑް ވެކްސިންއެވެ. އެހެންކަމުން ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށ،ް މިހާރު ވަނީ ދެވަނަ ޑޯޒް ޖެހުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް