އިއްޔެ އެނބޫދޫ ފިނޮޅު ކައިރީ އަލިފާން ރޯވެ އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތިމާވެއްޓަށް ލިބޭނެ ގެއްލުންތައް ތަހުގީގު ކުރަން ފަށައިފި އެވެ.
"ބްރޯ ފިއުލްސް" ނަމަކަށް ކިޔާ އެ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ އިއްޔެ ހަވީރު 5:50 ހާ އިރު އެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ކޯސްޓްގާޑުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ ރޭ 6:30 ހާއިރު އެ ސަރަހައްދަށް އަޑިއަށް ގޮސްފައި އެވެ.
ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔައީ 60،000 ލީޓަރުގެ ޑީސަލާ އެކު އެވެ. އޭރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ލ. އަތޮޅަށެވެ.
މިކަމާއި ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ތެޔޮ ބޯޓުން ކަނޑަށް ޑީސަލް ލީކުވޭތޯ ބަލަމުންދާކަމަށެވެ.
https://twitter.com/EPAMaldives/status/1380925529415540737
މިހާދިސާ ހިނގިއިރު އެ ބޯޓްގައި ތިން ދިވެހިންނާއި ބިދޭސީ ފަޅުވެރިއަކު ދަތުރުކުރިއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވީ އެމީހުން ކަނޑަށް ފުންމާލުމުންނެވެ. ފަހުން އެމްއެންޑީއެފުން ވަނީ އެ ހަތަރު މީހުން މާލެ ގެންގޮސްފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ ރައީސް އޮފީހުުން އަންނަނީ އެމްއެންޑީއެފް އަދި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. އޭނާ ވިދާޅުވީ މިހާތަނަށް ހޯދި ހޯދުންތަކުން ޑީސަލް ލީކުވެފައިވާ ކަމަށް ފެނިފައި ނުވާ ކަމަށެވެ.
އެއީ 100،000 ލީޓަރުގެ ޑީސަލް ރައްކާ ކުރެވޭ ޖާގައިގެ ބޯޓެއް ކަމަށްވެ އެވެ. އެ ބޯޓް އަޑިއަށް ދިއުމުން 10 މިލިއަނެއްހާ ރުފިޔާގެ ގެއްލުން ވާނެ ކަމަށް ބްރޯ ފިއުލް އިން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް