މިހާތަނަށް 12 ހާސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވޭ: ބީއެމްއެލް

ކޯވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސ...

11 Apr 2020 | 18:27

ކޯވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 12،000 ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

މިހިނގާ އޭޕްރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށްވެސް ފަސޭހައިން ލޮގިންކުރެވޭ ގޮތަށް ލޯނާ ގުޅޭ ހުރިހާ މައުލޫމާތު އެކުލެވޭ އަދި ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހަޅޭ ގޮތަށް ބޭންކުންވަނީ އޮންލައިން ޕޯރޓަލްއެއް ގާއިމްކޮށް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުންވާނެ ގޮތް:

  • ފުރަތަމަ 6 މަސްދުވަސް : މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެއެވެ.
  • ޖެހިގެން އަންނަ 6 މަސްދުވަސް : ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށްވުރެ %20 މަދު އަދަދެކެވެ.
  • ލޯނުގެ ބާކީ މުއްދަތު: ލޯނުދެއްކުން ފަސްކުރެވުނު ފުރަތަމަ 6 މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށްފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނީއެވެ.
  • ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ.

ބޭންކުން މައުލޫމާތުދެއްވާގޮތުގައި ލޯނު ފަސްކޮށްދިނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. އަދި މި މުއްދަތު ތެރޭގައި ކަސްޓަމަރު ބޭނުން ވަގުތަކު ލޯނު ދެއްކުން ފަސްކޮށްދިނުމަށް އެދެވިދާނެއެވެ. ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންގެ ނަގާފައިވާ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ފައިނޭންސިންގ ތެރެއިން މުރާބަހާ ފައިނޭންސިންގ ފިޔަވައި ހުރިހާ ފައިނޭންސިންގ އަކަށްވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވަނީ ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް