ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރު ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމަވައިފިއެވެ.
މޯދީގެ މި ނިންމެވުން ނިންމަވާފައިމިވަނީ އެ ގައުމުގެ ސްޓޭޓް ތަކުގެ ޗީފް މިނިސްޓަރުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ކުރިއަށްގެންދިއުމަށް ފަހުގައެވެ.
އެ ބައްދަލުވުމަށްފަހު އިންޑިއާގެ ވެރިރަށް ކަމުގައިވާ ނިއުދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކޭޖްރިވާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޮކްޑައުންގެ މުއްދަތު އިތުރުކުރަން މޯދީ ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ހާލަތަށްވުރެ އިންޑިއާގެ ހާލަތު ރަނގަޅުވީ ދުރާލާ ލޮކްޑައުން ކުރުމުން ކަމުގައިވެސް ޗީފް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ލޮކްޑައުންގެ މުއްދަތު އިންޑިއާގައި އިތުރުކޮށްފައިމިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އިއުލާނުކުރި 21 ދުވަހުގެ ލޮކްޑައުން މުއްދަތު އަންގާރަ ދުވަހަށް ހަމަވާތީއެވެ.
އިންޑިއާއިން ކޯވިޑް-19 އަށް 7800 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ވައިރަހުގައި އެ ގައުމުން މަރުވި މީހުންގެ އަދަދަކީ 249 ކަމަށް އިންޑިއާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް