ކޯވިޑް-19: އެޗްއާރުސީއެމުން ގިނަ މައްސަލަތަކެއް ބަލަނީ

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އެކި ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ހައްގުތައް ގެއްލޭތީ ގިނަ ޝަކުވާތަކެއް ލިބުމުން އެ ކަންކަން ހިއުމަން ރައި...

11 Apr 2020 | 13:15

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އެކި ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބައެއް އާންމު ރައްޔިތުންގެ ހައްގުތައް ގެއްލޭތީ ގިނަ ޝަކުވާތަކެއް ލިބުމުން އެ ކަންކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން ބުނީ، ކޯވިޑް- 19އާ ގުޅިގެން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން އާންމުންގެ ބައެއް ހައްގުތައް ގެއްލި، އެ ކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއާ ބެހޭ ޝަކުވާތަކާއި ޖަލުތަކުގެ އެކި މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ ކޮމިޝަނުންބުނެއެވެ.

އެޗްއާރުސީއެމުން ބުނީ އެގޮތުން  ރިސޯޓްތަކުގެ މުވައްޒަފުން ވަކި މުއްދަތެއް ނެތް ގޮތަށް މުސާރަ ނުދީ ގޭގައި މަޑުކުރުމަށް އަންގާ މައްސަލަތަކާއި ވަޒީފާގެ ގާނޫނާ ހިލާފަށް ޗުއްޓީ ނެގުމަށް މަޖުބޫރު ކުރުވާ މައްސަލަތައް  ހުށަހަޅާފައިވާ ކަމަށެވެ. އަދި އަމިއްލަ ބައެއް ބޮޑެތި ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑުކުރުމަށް އަންގާ ކަމުގެ މައުލޫމާތު ވެސް ކޮމިޝަނަށް ލިބިފައިވާ ކަމަށް ބުންޏެވެ.

އެހެންކަމުން، އެ ކުންފުނިތަކުން މައުލޫމާތު ހޯދައި، އެކަން ލޭބާ ރިލޭޝަން އޮތޯރިޓީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އެ މައްސަލަތަށް ބެލުމަށް އެދިފައި ވާނެ ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ކޯވިޑް-19އާ ގުޅިގެން، ކަރެކްޝަނަލް ސާވިސް އިން ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން، މާފުށީ ޖަލުގައި ތިބި ބައެއް ގައިދީން ނުރުހުން ފާޅުކުރަމުންދާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. މިކަމުގެ ސަބަބުން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ބަންދު މީހުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބަންދު މީހުންނަށް އަނިޔާ ލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މި ޝަކުވާތައް ލިބުމާ ގުޅިގެން އެޗްއާރުސީއެމުން އަންނަނީ މާފުށީ ޖަލާއި މާލެ ޖަލަށް ޒިޔާރަތްކޮށް އެ މައްސަލަތައް ވެސް ބަލަމުންކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

އެޗްއާރުސީއެމުން ބުނިގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައިވާ މީހުންނަކީ މި ހާލަތުގައި އިތުރު ނުރައްކަލަށް ހުށަހެޅޭނެ މީހުން ކަމަށެވެ. އެހެންވެ ރާއްޖޭގައި އެ ގޮތަށް މީހުން ބައިތިއްބާފައިވާ ތަންތަނުގައި މި ހާލަތަށް ހާއްސަ އުސޫލުތައް ހަމަޖައްސާފައިވޭތޯ ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް