ކަސްޓަމްސް ވަގުތީ ގޮތުން ހިންގަވާނީ ޝަރީފު

ކަސްޓަމްސްގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނަވާނީ އަބްދުﷲ ޝަރީފު ކަމަށް އެ އިދާރާއިން ބުނެފި އެވެ. ޝަރީފާއި ކަސްޓަމްސްގެ ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ...

11 Apr 2020 | 12:17

ކަސްޓަމްސްގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނަވާނީ އަބްދުﷲ ޝަރީފު ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ޝަރީފާއި ކަސްޓަމްސްގެ ހިންގެވުން ވަގުތީ ގޮތުން ހަވާލު ކުރީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމާއި ގުޅިގެންނެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން އިންޑިއާގައި ހުންނަވަނިކޮށް މިދިޔަ އަންގާރަ ދުވަހު އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ޝަރީފު އެމަގާމުގައި ވަގުތީގޮތުން ހުންނަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ބޭފުޅަކު އައްޔަން ކުރައްވަންދެން ކަމަށެވެ.

އޭނާ އަކީ މީގެ 26 އަހަރު ކުރިން ކަސްޓަމްސްގެ ހިދުމަތާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަބްދުﷲ ޝަރީފް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި އަށެއްގައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނުއުމާން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވި ދުވަހުން ފެށިގެން އެ އިދާރާގެ ދުވަހުން ދުވަހަށް ކަންކަން ނިންމެވުމުގައި އިސްވެ ހުންނެވީ އަބްދުﷲ ޝަރީފެވެ. ނުއުމާން އަވަހާރަވީ އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހައެއްކަ މަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް