ރާއްޖެއަށް ކޯވިޑް-19 ގެ ނުރައްކާތެރިކަން އޮތްވަރު، އާބާދީގެ ބޮޑު ބައެއް މަރުވެދާނެ!

ފަރުވާއެއް ހޯދިފައިވާ ނުވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ގައުމުތަކުގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ. މަރުވި މީހުންގެ އަދަދު އެންމެ ގިނަވެ، ބަލި އެންމެ ހަ...

11 Apr 2020 | 09:34

ފަރުވާއެއް ހޯދިފައިވާ ނުވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ގައުމުތަކުގައި މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ. މަރުވި މީހުންގެ އަދަދު އެންމެ ގިނަވެ، ބަލި އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދަނީ ވަސީލަތްތަކާއި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ސިއްހީ ނިޒާމް ހުރި ގައުމުތަކުގައި އެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެ ގައުމުތަކުން ރާއްޖެއަށްވުރެ ކުރިން ދުރާލާ ފިޔަވަޅުތަކެއް އެޅިއެވެ. އެކަމަކު އެ ފިޔަވަޅުތަކަކީ ގައުމުތަކުގެ އާބާދީއަށް ބަލައި ކޮންޓްރޯލް ކުރުމަށް އެދެވޭ ފިޔަވަޅުތަކެއް ނޫންކަން މިއަދު މިދަނީ ފެންނަމުންނެވެ.

ކޯވިޑް-19 ފެތުރޭ ގޮތާއި ވައިރަހުގެ އަލާމާތްތައް ނުފެނި ފެތުރެނީ ކީއްވެކަން މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އަދި ބަލިން ސަލާމަތްވެވޭނެ ބޭހެއްވެސް ނެތެވެ. މިހާތަނަށް 20 އަށްވުރެ ގިނަ ކުންފުނިން ކޯވިޑް-19 އާއި ދެކޮޅަށް ބޭހެއް އުފެއްދުމުގެ މަސައްކަތް ކުރަން ފަށާފައިވާއިރު އޭގެން ބޭހެއް ރަނގަޅުނަމަ ދުނިޔޭގެ ބާޒާރަށް ނެރެވޭވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި އެވެ.

އެއީ އަލަށް އުފައްދާ ބޭސްތައް ބާޒާރަށް ނެރެ ވިއްކުމުގައި އޮންނަ ގަވައިދެވެ.

މި މުއްދަތުގައި ގައުމުތަކަށް އޮތީ އެޅެން އޮތް ފިޔަވަޅެއް އަޅައިގެން ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމެވެ. ނުވަތަ ބަލި ޖެހޭ މީހުން މަރުވަންދެން ބަލިން ރަނގަޅުވޭތޯ ފަރުވާ ދިނުމެވެ.

މި ބައްޔަކީ ރާއްޖެއިން ފެނިފައިވާ ބައްޔެކެވެ. ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތަސް ސިއްހީ ތަޖުރިބާކާރުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގަބޫލު ކުރާ ގޮތުގައި އާންމުންގެ މެދުގައި ބަލި ނެތް ކަމަށް އަދި ގަބޫލު ކުރެވޭކަށް ނެތެވެ.

ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގައި ހިމެނިވަޑައިގެންނަވާ ޑރ. އަލީ ލަތީފު ވިދާޅުވީ ވައިރަހާ ގުޅޭ މާބޮޑު މައުލޫމާތެއް ދުނިޔޭގެ އެއްވެސް ގައުމަކަށް ނޭނގޭއިރު އެކަމަށް ތިބެންޖެހިފައިވަނީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. އޭނާ މިސާލު ނެންގެވީ އެންމެ ހަލުވިކަމާއި އެކު މިހާރު ބަލި ފެތުރެމުންދާ އެމެރިކާއިން އެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ކޯވިޑް-19 ގެ ފުރަތަމަ ކޭސް އެމެރިކާއިން ފެނުނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އެމެރިކާއިން  ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން މީހުން އެތެރެވުން މަނާކޮށް، އާންމުންގެ މެދުގައި ބަލި ކޮންޓްރޯލް ކޮށްފައި ވަނިކޮށް ކުއްލިއަކަށް ބަލި ފެތުރެން ފެށީ އޭގެ އެއް މަސް ފަހުން 26 ފެބްރުއަރީގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދޮޅުމަހެއްހާ ދުވަސް ތެރޭގައި ހަތަރު ލައްކަ މީހުންނަށް އެމެރިކާގައި ކޯވިޑް19 ޖެހިފައިވާއިރު ރާއްޖެގެ ރައްޔިތުން މިކަމާއި މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ޑރ ވިދާޅުވި އެވެ.  ރާއްޖޭގެ ޖުމްލަ އާބާދީއަކީވެސް ހަތަރު ލައްކައެއްހާ މީހުންނެވެ.

ރާއްޖެއަކީ ހުރިހާ ވަސީލަތެއް ގައުމުން ބޭރުން އެތެރެ ކުރަން ޖެހޭ ގައުމެއްކަމަށާއި ބަލި ފެތުރެން ފަށައިފި ނަމަ ކޮންޓްރޯލް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. ރާއްޖެއިން ދަނީ ފަރުވާ ދިނުމަށް ބޭނުންވާނެ ސާމާނު އެތެރެކޮށް ތައްޔާރީ ހާލަތުގައި ތިބުމަށް މަސައްކަތް ކުރަމުންނެވެ.

ޑރ. އަލީ ލަތީފު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ފެންނަމުންދާ މަންޒަރަށް ބަލާއިރު ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރެވިފައި އޮތް ނަމަވެސް ކުއްލިއަކަށް ބަލި ފެތުރުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ގައުމުތަކުން ފެންނަ މަންޒަރަށް ބަލާއިރު ރާއްޖޭގެ އާބާދީގެ ބޮޑު ބައި މަރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި ހިދުމަތް ދެމުންދާ ހޮސްޕިޓަލްތަކަކީ ހިދުމަތް ދިނުމަށް ވަރަށް މަދު އަދަދެއް ކަމަށެވެ. އެހެންވެ ދުރާލާ ނުރައްކާތެރި ހާލަތެއް އަތުވެދާނެ ކަމަށް ބަލައި ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި 300 މީހުންގެ ޖާގައިގެ ފެސިލިޓީ އަކާއި 52 މީހުންގެ ޖާގައިގެ ފެސިލިޓީއެއް ދަނީ ތައްޔާރު ކުރަމުންނެވެ.

ޑރ. އަލީ ލަތީފާއި ސިއްހީ ހިދުމަތްތެރިން ހައިރާންވާ ކަމެއް އެބަ އޮތެވެ. އެބޭފުޅުން ދައްކަވާ ވާހަކަ ރައްޔިތުން ގަބޫލް ނުކުރާކަމެވެ. ރައްޔިތުންގެ ފަރާތުން ބައްޔާމެދު ސީރިއަސް ކަމެއް ނެތްކަން ފެންނަ ކަމެވެ.

މިހާރު ބަލި ރާއްޖޭގައި ކޮންޓްރޯލްވެފައި މިއޮތް މިންވަރުގައި ހިފެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަމަށް އާންމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށް ޓެގް ޓީމުން ބުނެ އެވެ.

މިހާތަނަށް ބެލި ބެލުމުން ރާއްޖޭގައި އާންމުންގެ މެދުގައި ބަލި ފެތުރޭކަމުގެ ނިޝާނެއް ނުފެނެ އެވެ. އެކަމަކު ބަލި ގައުމުތަކުގައި ފެތުރޭ ގޮތަށް ބަލާއިރު ނުރައްކާތެރިކަން އެއްވެސް ވަރަކަށް ކުޑައެއް ނޫނެވެ.

ރައްކާތެރި ގޮތަކީ ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމެވެ. ކޮންމެހެން ދާންޖެހިގެން ނޫނީ ބޭރަށް ނުދިއުމެވެ. ސިއްހީ މާހިރުންގެ އިރުޝާދު ގަބޫލު ކޮށް އެއަށް އަމަލު ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް