މާދަމާއިން ފެށިގެން ވޯކް ވިސާ އާކޮށްދޭން ފަށަނީ

މާދަމާއިން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިސާ އާކޮށްދެން ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކުރުމާއި ގުޅިގެން ވިސާ ޖަހައިދިނުމުގެ ހިދުމަ...

11 Apr 2020 | 02:08

މާދަމާއިން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވިސާ އާކޮށްދެން ފަށާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދު ކުރުމާއި ގުޅިގެން ވިސާ ޖަހައިދިނުމުގެ ހިދުމަތް ވަނީ ވަގުތީގޮތުން ހުއްޓާލާފައި އެވެ. އިމިގްރޭޝަނުން ކުރިން ނިންމާފައިވަނީ އޮފީސްތައް ހުޅުވާ ހިދުމަތް ދޭން ފަށާ ފުރަތަމަ ދިހަ ދުވަހާއި ޖެހެންދެއް މުއްދަތު ހަމަވެފައިވާ ވޯކް ވިސާގައި ރާއްޖޭގައި ބިދޭސީންނަށް ތިބުމުގެ ހުއްދަ ދޭށެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ ވިސާއާ ގުޅުންހުރި ކަންތައްތައް ފުރިހަމަ ކުރުމުގައި ދަތިވަމުން އަންނާތީ މާދަމާއިން ފެށިގެން ވިސާގެ ހިދުމަތްތައް އެ އޮފީހުން ފަށާނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ވޯކް ވިސާ އާއި އެހެނިހެން ވިސާތަކުގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާ އާކޮށްދޭން ފަށާނެ ކަމަށެވެ.

އިމިގްރޭޝަނުން ހަމަޖައްސާފައިވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ވީސާ އާއި ގުޅުންހުރި ހިދުމަތް ތަކަށް ހެނދުނު 09:00 އިން މެންދުރު 1:00 އަށް އެދެވޭ ގޮތަށެވެ. އަދި ވިސާ ޖެހުމަށްފަހު ޕާސްޕޯޓު ދޫކުރުމާއި ވިސާ އަދި ޕާސްޕޯޓު ހުށަހެޅުމަށް އެޕޮއިންޓްމެންޓު ދޫކުރުން ހެނދުނު 09:10 އިން 12:00 އަށް ކުރިއަށް ގެންދާށެވެ.

ޓޫރިސްޓު ވިސާ އާއި ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް ގަވާއިދުން ފެށުމުން، ފުރައިގެންދިއުމަށް އެދޭ ފަރާތްތައް ވިސާ އާކުރުމަށް ހުށަހަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. މި ފަރާތްތަކުން، އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ ފޯމް ފުރިހަމަ ކުރުމަށްފަހު، ފުރަން އެއާޕޯޓަށް ދިޔުމުން ފުރޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އެކަމަކު ވިސާ ހަމަވެފައިވާ ފަރާތްތަކާއި، މިހާރު ދޫކުރެވިފައިވާ ވިސާގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން ވިސާ އާ ކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތަށް އިމިގްރޭޝަނަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. އަދި މިގޮތަށް މެއިލް ކުރާ ފަރާތްތަކަށް ވިސާ ޖެހުމަށް ޕާސްޕޯރޓް ހުށަހެޅުމަށް އެޕޮއިންޓްމަންޓެއް ހަމަޖެއްސުމަށްފަހު، އެ މަޢުލޫމާތު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ބުނީ އޮފީސް ހުޅުވާފައި ހުންނަ ވަގުތުގައި ހިދުމަތް ހޯދަން ދާ ފަރާތްތަކުން އިޖްތިމާއީ ގައިދުރު ކަމަށް އިސްކަން ދިނުމަށް އެދޭ ކަމަށެވެ. އަދި އެ އިދާރާއިން ހިދުމަތް ދޭނީ އިޖްތިމާއީ ގައިދުރުކަމަށް ފިޔަވަޅުތަކެއް އަޅައިގެން ކަމަށްވާތީ އެ ކަންކަމަށް ހުރުމަތްތެރިކޮށް ހިތުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް