ދުނިޔެ މިހާރު ދެކެމުންދާ ބަލިމަޑުކަމުގެ ބޮޑު މުސީބާތްކަމުގައިވާ ކޯވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ލައްކައެއް ފަހަނައަޅާ ގޮސްފިއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ހިސާބުތައް ދައްކާގޮތުގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައިން މައްޗަށް އެރީ މިއަދުގައެވެ. މިހާރު މަރުވި މީހުން އަދަދު 101000 ގައި އުޅޭއިރު، 1.6 މިލިޔަން މީހުން ވަނީ މިހާތަނަށް ކޯވިޑް-19 އަށް ފައްސިވެފައެވެ. ބަލިން ސަލާމަތްކުރެވުނު މީހުންގެ އަދަދަކީ 371000 އެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، މި ބަލީގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެ ގައުމުން ހުކުރު ދުވަހުގެ ނިޔަލަށް 18800 މީހުން މަރުވެފައިވެއެވެ. އަނެއްކޮޅުން ކޯވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާއިން މިއަދު ވަނީ، އެ ގައުމުން ފައްސިވި މީހުންގެ އަދަދު ބައި މިލިޔަނާ ގާތްކުރާކަމަށް ރިޕޯޓް ކޮށްފައެވެ.
އެމެރިކާއިން ފައްސިވި މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަ ނަމަވެސް، ނިއުޔޯކް ސިޓީން ބަލި ޖެހިގެން އެނދުމަތި ކުރަމުން އަންނަ މީހުންގެ އަދަދު މިއަދުވަނީ ދަށަށް ޖެހިލާފައެވެ.
ކޯވިޑް-19 އާ ދެކޮޅަށް މުޅި ދުނިޔެއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނައިރު، އިޓަލީން މިހާރު ވަނީ އެ ގައުމުގެ ފުރަބަންދު (ލޮކްޑައުން) މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް