ކޮވިޑް-19: ސްކޫލްތަކުގެ ކިޔެވުން ފެށުން އެއް ހަފްތާއަށް ފަސްކޮށްފި

ކޮރޯނާ ވައިރަސްއާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި އެވެ. ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެ...

11 Mar 2020 | 16:14

ކޮރޯނާ ވައިރަސްއާއި ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި އެވެ.

ސްކޫލުތައް މިހާރު އޮތީ ފުރަތަމަ ޓާމުގެ މިޑް-ޓާމް ބްރޭކުގަ އެވެ. ހަފުތާގެ ޗުއްޓީއަކަށް ފަހު އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާނެ އެވެ.

މިރޭ ކޮވިޑް-19ގެ ޓާސްކް ފޯސްއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަސް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަންދަށް ފަހު އަންނަ ހަފްތާގައި ސްކޫލްތައް ފެށުން އެއް ހަފްތާއަށް ފަސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ދަނީ ވައިރަހާ ގުޅިގެން ހުރިހާ ހާލަތަކަށް ތައްޔާރުވަމުން ކަމަށެވެ.

އެގޮތުން ގޭގައި ކުދިން ބައިތިއްބައިގެން ބްރޯޑްކާސްޓު ކޮށާއި އޮންލައިންކޮށް ކިޔަވައިދޭން ޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށްވެސް ކިޔަވައި ނުދެވޭފަދަ ހާލަތަކަށް ގޮސްފި ނަމަ ސްކޫލްތައް ބަންދު ކުރަންވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ އެއް ހަފްތާއަށް ސްކޫލްތައް ބަންދު ކުރުމަށް ފަހު ކޮންމެ ހަފްތާއަކުން އެ ނިންމުން ރިވިއު ކުރަމުންދާނެ ކަމަށެވެ.

ކޮރޮނާ ވައިރަސްއާއި ގުޅިގެން ދިމާވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ޝެއާރިން ޕްލެޓްފޯމެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ޖަވާބު" އާ ހަވާލުކޮށްފަ އެވެ. އެކަން ހާމަ ކުރީ އެ ކުންފުނިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އެވެ.

"ޖަވާބު" އިން ބުނެފައިވަނީ އެ މަސައްކަތް އެމީހުން ކޮށްދެނީ ހާލަތަށް ބަލައި ހިލޭސާބަކަށް ކަމަށެވެ.

ސްކޫލްތައް އެއް ހަފްތާއަށް ބަންދު ކުރަން ސަރުކާރުން މި ނިންމީ މިކަމަށް މެޑިކަލް އެސޯސިއޭޝަނުންނާއި ޓީޗާސް އެސޯސިއޭޝަން އަދި ގިނަ އާންމު ރައްޔިތުން ގޮވާލާފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް