ކޮވިޑް-19: ރާއްޖޭގައި އޮތް ރީނދޫ ލެވެލް ދައްކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

ކޮރޯނާ ވައިރަސް ރާއްޖެ އައުމުން މިހާރު ރާއްޖެ މިއޮތް ހާލަތު ކަމަށްވާ ރީނދޫ ލެވެލް ދައްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ދޮގުކޮށްފި އެވެ. ކޮވިޑް-19 ގެ ސަރުކާރުގެ...

11 Mar 2020 | 11:57

ކޮރޯނާ ވައިރަސް ރާއްޖެ އައުމުން މިހާރު ރާއްޖެ މިއޮތް ހާލަތު ކަމަށްވާ ރީނދޫ ލެވެލް ދައްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ދޮގުކޮށްފި އެވެ.

ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު މުޅި ރާއްޖެ މިއޮތީ ރީނދޫ ލެވެލްގައި ކަމަށާއި އެ ލެވެލް ދަށްކުރަން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ. އެއީ ކޮންމެސް ވަރަކަށް ވައިރަހަށް ޓެސްޓު ކުރާ މީހުން ބައްޔަށް ޕޮސިޓިވް ވާތީ އެވެ.

މުޅި ރާއްޖެ ރީނދޫ ލެވެލްގައި އޮތް އިރު ކުރެއްދޫ ރިސޯޓާއި ބަތަލާ ރިސޯޓު އަދި ކުރަމަތި ރިސޯޓު އޮތީ އޮރެންޖު ލެވެލްގައި އެވެ. އެ ރިސޯޓުތަކުން ޖުމްލަ އަށް މީހަކު ވަނީ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައި އެވެ.

ޔެލޯ އެލާޓު ނެރެނީ އެހެން ގައުމަކުން ބަލި އައުމުންނެވެ. އަދި މީހެއްގެ ފަރާތުން އެހެން ބަޔަކަށް ބަލި ޖެހުމުން އެ ލެވެލް އޮރެންޖު ލެވެލްއަށް ބަދަލު ކުރެ އެވެ. ރަތް ލެވެލް އިންނަނީ ގައިން ގަޔަށް ބަލި ފެތުރެން ފެށުމުންނެވެ.

މިކަމާ ގުޅޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފައި މިވަނީ ކޮރޮނާ ވައިރަސްއާއި ގުޅިގެން ވަކި ގައުމުތަކަކުން މީހުން އައުން މަނާ ކުރުމުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވަމުންދާ ކަމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މަޖިލީސް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ. ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ ޗައިނާ، އިރާން، އިޓަލީ، ބަންގްލަދޭޝް އަދި ސައުތް ކޮރެއާގެ ދެ ސިޓީއަކުންނެވެ.

ސަރުކާރުން ބުނެފައިވަނީ ވައިރަސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް