މިދިޔަ މަހު އާމްދަނީ 12.3 ޕަސެންޓު އިތުރު: މީރާ

މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ބަލައިގަތް އާމްދަނީ 12.3 ޕަސެންޓު އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ބުނެފި އެވެ. މީރާ އިން ބުނި ގޮތުގައި ފެބްރުއަރީ މަހު ޖުމްލަ 1.43 ބިލިއަން...

11 Mar 2020 | 05:01

މި އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ބަލައިގަތް އާމްދަނީ 12.3 ޕަސެންޓު އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ބުނެފި އެވެ.

މީރާ އިން ބުނި ގޮތުގައި ފެބްރުއަރީ މަހު ޖުމްލަ 1.43 ބިލިއަން ރުފިޔާ ބަލައިގެންފައި ވެއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 12.3 ޕަސެންޓުގެ އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށްވުރެ 2.2 ޕަސެންޓުގެ އިތުރު އަދަދެކެވެ.

މީރާ އިން ބުނި ގޮތުގައި ފެބްރުއަރީ މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބީޕީޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން ފެބުރުއަރީ މަހަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން، މި މަހުގައި ލިބިފައިވާ ފައިސާ އިތުރުވުން ހިމެނެ އެވެ.

އަދި، މިދިޔަ އަހަރުގެ ފެބުރުއަރީ އާއި އަޅާ ބަލާއިރު މި އަހަރުގެ ފެބުރުވަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓް (ވީއައިއޭ) އިން މީހުން ފުރާފައިވާ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގެ ލިބިފައިވާ ފައިސާ އިތުރުވުން ހިމެނޭ ކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން، ފެބުރުވަރީ 2020 މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ 'ވަންސް-އޮފް ޕޭމަންޓް' އެއް ކަމުގައި ވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީގެ ގޮތުގައި 623.73 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބީޕީޓީގެ ގޮތުގައި 412.54 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން، މީރާއިން ބުނީ ގްރީން ޓެކްސްގެ ގޮތުގައި 77.02 މިލިއަން ރުފިޔާ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 72.53 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 168.86 މިލިއަން ރުފިޔާ ކަމަށް މީރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް