ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފި އެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރުމުގެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.
ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއަށް 133،237،000 ޑޮލަރު ހަރަދުވާނެ އެވެ. ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،700 ފްލެޓު އަޅަނީ 15 އަދި 16 ބުރީގެ 11 ޓަވަރުގައި އެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން ހަދާ އެ ޓަވަރުތަކުގައި 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިކަމުގައިވާ 3،000 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއެއް ފަށަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދެ ވަނަ ފިޔަވަހީގައި 1،300 ހައުސިން ޔުނިޓު އަޅާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކާފައިވާ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް 6،860 ހައުސިން ޔުނިޓު އިމާރާތް ކޮށްފައިވެ އެވެ.
މި މޝްރޫއަކީ އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް