ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ގައުމަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސްކޫލްތަކުގެ ކިޔެވުން ފެށުން ރަނގަޅު ނޫން ކަމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވައިރަސް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން މި ދުވަސްވަރު އާންމު އެއްވުންތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މެދުކަނޑައިލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެކި ފަންނުތަކުގެ މީހުން ހިމެނޭ ޖަމިއްޔާއިން މިހެން ގޮވާއިރު ރާއްޖޭގެ މަޝްހޫރު ގިނަ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގަ މަސައްކަތް ކުރައްވާ ފަރާތްތަކުން ދަނީ ސްކޫލްތައް ބަންދު ކުރުމަށާއި ކައުންސިލް އިންތިހާބު ބޭއްވުން ބުއްދިވެރި ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި ގިނަ މީހުން އެއްތަނަކަށް އެއް ނޫޅުމަށް އެ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.
https://twitter.com/mma_mv/status/1237404014385360896
އެކަމަކު ރެއާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލްތައް ބަންދު ކުރަން ޖެހޭ ފަދަ ހާލަތެއް ރާއްޖޭގެ އެއްވެސް ރަށެއްގައި ނެތް ކަމަށެވެ.
ކޮވިޑް-19:ގެ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހުގައި އިން މުވައްޒަފު ވައިރަހަށް ޝައްކު ކުރެވިގެން ކޮރޯނާ ވައިރަހަށް ކުރި ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވިނަމަ ރާއްޖޭގެ ސްކޫލްތައް ބަންދު ކުރަން ޖެހޭ ފަދަ ހާލަތަކަށް ދިޔައިސް ކަމަށެވެ. އެކަމަކު އެ މުވައްޒަފުގެ ސާމްޕަލް ވީ ނެގެޓިވް އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އަދިވެސް މިއޮތީ ބަލި ފެނިފައިވާ ގައުމެއްގެ ގޮތުގައި ކަމަށާއި އާންމު ތަންތަނުގައި ބަލި ފެތުރެމުން ނުދާ ކަމަށެވެ.
ސަރުކާރުން ބުނީ މުޅި ރާއްޖެއަށް ބަލި ފެތުރުނަ ނުދީ ކޮރޯނާ ވައިރަސް ކޮންޓްލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް